28 Apr 2021, 22:10
މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ޖުމްލަ 215 މައްސަލައެއް ހުށަހެޅުނު އިރު، އޭގެ ތެރޭގައި 15 މައްސަލައަކީ، އަމިއްލަ ގެއްލުން ދިނުމާ ގުޅޭ މައްސަލަތައް ކަމަށް މިއަދު ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ވަނީ މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހަޅުނު މައްސަލަތަކުގެ ތަފާސް ހިސާބުތައް ހާމަކޮށްފައެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޖުމްލަ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ހަ ޕަސަންޓަކީ، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅޭ މައްސަލަކެވެ.
ކުޑަ ކުދިންނަށް ކުރާ އެކި އަނިޔާއާ ގުޅޭ 87 މައްސަލައެއް ހިމެނޭއިރު، އެއީ މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ 40 ޕަސަންޓެވެ. އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން ގިނައީ އިހުމާލުގެ މައްސަލަތައްކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އެގޮތުން އިހުމާލުގެ 27 މައްސަލަ ހުށަހެޅުނު ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.
ކުޑަ ކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން ދެން ހިމެނެނީ، ޖިންސީ ހާނިއްކައިގެ 18 މައްސަލަ އާއި ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 13 މައްސަލަ އެވެ. އަދި ނަފްސާނީ ހާނިއްކައިގެ ހަތަރު މައްސަލަ ހުށަހެޅުނު އިރު، އެހެން ކުދިންގެ ފަރާތުން ގަނާލިބުން، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެ އިތުރުން ނަހަމަގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ އަދި އެހެންކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ ހިމެނެއެވެ.
ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 14 މައްސަލަ މާރިޗު މަހު ވަނީ ހުށަހަޅައިފައެވެ. އޭގެތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ ތިން މައްސަލަ، ސްކޫލަށް ދާން ބޭނުންނުވުމުގެ އެއް މައްސަލަ އަދި ގަނާކުރުމާއި ފުރައްސާރަ ކުރުމުގެ އެއް މައްސަލަ ހިމެނެއެވެ.
ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ މައްސަލަތަކުގެ ތެރެއިން ތައުލީމަށް ހުރަސްއެޅުމުގެ އެއް މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަތަރު މައްސަލަ ހުށަހަޅައިފައިވާއިރު، އޭތެރޭގައި މާރާމާރި ހިންގުމުގެ އެއް މައްސަލަ އަދި ވައްކަންކުރުމުގެ އެއް މައްސަލަ ހިމެނެއެވެ.
އާއިލީ މައްސަލަތަކުގެ 27 މައްސަލައެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ކުދިންނާ ބައްދަލުނުކުރެވޭ 14 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ އަދި ދަރިންނަށް ހަރަދު ދިނުމުގައި ދިމާވާ ތިން މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެ ގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 22 މައްސަލައެއް ހިމެނެ އެވެ.
މީގެ އިތުރުން، މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 19 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 2 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 2 މައްސަލަ، އިހުމާލުވުމުގެ އެއް މައްސަލަ އަދި ފާރަލުމުގެ އެއް މައްސަލަ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 21 މައްސަލަ އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ދެ މައްސަލަ ހިމެނެއެވެ.