05 May 2021, 16:43
ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާތީވެ، ހާލަތު މެނޭޖް ކުރުމަށް ސަރުކާރުން އޮޕަރޭޝަން ހިންގުމަށް ބަދަލުތަކެއް ގެނެސްފި އެވެ.
މިހާރު ކޮވިޑްގެ މައުލޫމާތު ހާމަކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު "ސަންް"އަށް މިއަދު ވިދާޅުވީ، އެޗްއީއޯސީގެ ޓީމް ބޮޑުކޮށް، ކެޕޭސިޓީ އިތުރުކުުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މީގެ ކުރިން އެޗްއީއޯސީ މެނޭޖް ކުރި ހެލްތް އިމަޖެންސީ ކޯޑިޝޭން ސެންޓަރު (އެޗްސީސީ) މިހާރު އެކްޓިވްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޗްސީސީ އެކްޓިވްކޮށް، މިހާރު އެ އެއޮޕަރޭޝަން ކުރިއަށްދާނީ ސީދާ ނައިބު ރައީސް ފައިސަލް ނަސީމްގެ ބެއްދަލުވުމުގެ ދަށުން،" މަބްރޫކު ވިދާޅުވި އެވެ.
އެޗްސީސީ އަކީ ސަރުކާރުގެ އެންމެހާ ކަމާ ބެހޭ ވުޒާރާތަކުގެ ވެރިންވެސް ހިމެނިގެން އެކުލަވާފައިވާ ކޮމިޓީއެކެވެ. ކޮވިޑް ރާޅު އެންމެ ފުރަތަމ،ަ ރާއްޖެ އައި އިރު އޭރުގެ އެންއީއޯސީގެ އޮޕަރޭޝަންތައް ހިންގަމުން އައީ އެޗްސީސީގެ ދަށުންނެވެ. އޭރުވެރެސް އެތަން ކޯ-ޗެއާ ކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މަބްރޫކު ވިދާޅުވީ، ޕޮލިސީ ޓީމްތަކާްއެކު ކޮންމެ ރެއަކު ރައީސް ސޯލިހް އާންމުކޮށް ބައްދަލުވުންތައްވެސް ބާއްވާނެ ކަމަށެވެ. އަދި އެންމެ ފަހުގެ ތަފްސީލު އޮޅުންފިލުވައި އަޅުވަން ޖެހޭ ފިޔަވަޅުތައް މަޝްވަރާކޮށް، ރައީސް އިރުޝާދު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން އެ ބައްދަލުވުންތައް ބާއްވަމުން އައީ ހަފްތާއަކު ދެ ފަހަރެވެ.
މިދިޔަ އަހަރުވެސް އެންމެ ގޯސްވި ހަލާތުގައި ރައީސް ސޯލިހް ކޮންމެ ރެއަކު އެންއީއޯސީ ޓީމުތަކާ ބައްދަލު ކުރި އެވެ.
އޮޕަރޭޝަންއަށް މި ބަދަލުތައް ގެނެސްފައި މިވަނީ، މިއިން ދުވަހަކުވެސް ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވެފައިވަނިކޮށެވެ. އިއްޔެވެސް 600އަށްވުރެ ގިނަ މީހުން ރާއްޖެއިން ޕޮޒިޓިވްވި އިރު، މާލެއިން އެކަނި 400އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.