Last Updated: 5 year 7 month ago

ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވައި ގ. ކެނެރީގެ ކައިރީގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަނިޔާވެއްޖެ އެވެ. އެ ހާދިސާ ހިނގީ މިރޭ 8:30 އެހާކަން ހާއިރު އެމަނިކުފާނު ދިރިއުޅުއްވާ ގެއިން ނިކުމެ ވަޑައިގަތް ކާރުކޮޅަށް އަރުއްވަނިކޮށްނެވެ. މި ހަމަލާގައި އެމަނިކުފާނަށް އެކިވަރުގެ ޒަހަމްތައް ލިބި އެމަނިކުފާނު އޭޑީގައި އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ.


ފުލުހުންގެ ނޫސްކޮންފަރެންސް ފަށާނީ މެންދުރު 2:30ގައި. މިހާރު ފުލުހުން އަންނަނީ ޕްރެސް ކޮންފަރެންސްއަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން.

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވެފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވެފައި -- ސަން ފޮޓޯ ފަޔާޒު މޫސާ
ހަމަލާދިން ސަރަހައްދު އަދިވެސް ބަންދުކޮށްފައި
ރައީސް ނަޝީދު ދިރިއުޅުއްވާ ހަމަލާދިން ކެނެރީގެ ސަރަހައްދު އަދިވެސް އޮތީ ބަންދުކޮށްފައި. ފުލުހުން އެ ސަރަހައްދުގައި އަންނަނީ ފޯރި މަރަމުން. އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް ގޭގެއަށް ވަދެވެނީ ވެސް ފުލުހުންގެ ހުއްދަ ހޯދައިގެން. އެހެން ނަމަވެސް ހަމަލާ ދިނުމަށް ބޭނުން ކުރި ކަމަށް ތުހުމަތުވާ ސައިކަލާއި ރައީސް ނަޝީދުގެ ކާރުކޮޅު މިހާރު އެ ސަރަހައްދުން ވަނީ ގެންގޮސްފައި. ރޭ ވަރަށް ގިނައިރު ވަންދެން ފޮރެންސިކް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި.

ރޭގެ ހަލަާދިން ކެނެރީގެ ހިމެނޭ ސަރަހައްދު: އެ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
ތަހުގީގުގަށް ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައި
ފުލުހުން މިއަދު ނެރުނު ބަޔާނެއް މެދުވެރިކޮށް އާންމުންގެ ކިބައިން އެދިފައި ވަނީ ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތު ޝައްކުވާ ކަމެއް ފާހަގަވި ނަމަ އެކަމެއް ވީހާ އަވަހަކަށް ފުލުހުންގެ ހޮޓްލައިން 9704000 އަށް ގުޅައި ރިޕޯޓް ކުރުމަށް. އަދި އެ މައުލޫމާތު ދޭ މީހުންގެ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފުލުހުން ދޭ.
ރައީސް ސޯލިހް މިރޭ ގައުމާ މުހާތަބު ކުރައްވަނީ
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިރޭ ޓީވީތައް މެދުވެރިކުރައްވާ ގައުމާ މުހާތަބު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ.
ރައިސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓީވީތައް މެދުވެރި ކުރައްވާ އެމަނިކުފާނު މިރޭ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް. އަދި އެކަމާ ގުޅޭ މައުލޫމާތު ކުޑަ އިރުކޮޅެއްްތެރޭ ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި.
ރައީސް ގައުމާ މުހާތަބު ކުރައްވާ އިރު، މިރޭ ވަޒީރުންގެ ކުއްލި މަޖިލީހުގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައި
ޖަލްސާގައި 67 މެމްބަރުން ހާޒިރުވެ އެބަތިބި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލާ ދިނަ ހަމަލާއާ ގުޅިގެން ބާއްވާ މަޖިލީހުގެ ކުއްލި ޖަލްސާ ފަށައިފި
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއެއްގައި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު ޝިއްޕެ ވިދާޅުވީ، ރައީސް ނަޝީދަށ ްދިން ހަމަލާއަކީ ސީދާ އެމަނިކުފާނުގެ ފުރާނަފުޅަށް ދިން ހަަމަލާއެއް ކަމަށް.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހަމަލާއަކީ ޕެންޑެމިކެއްގެ ތެރޭގައި، ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތަކުގައި، އިންސާނީ ކަރާމަތައް އެއްވެސް ވަރަކަށް ބެލުމެއް ނެތި ދިން ހަމަލާއެއް ކަމަށް. އަދި އެ ހަމަލާ ފިނޑި، ނާތަހުޒީބު އަމަލެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވި.
ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލަ އެންމެ މަތީ ދަރަޖައިގެ އަހަންމިއްުޔަތުކަމެއް ދީގެން ދިވެހި ފުލުހުން ތަހުގީގު ކުރާނެކަން ކަށަވަރު ކުރައްވާނެ ކަމަށް.
އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިރޭ ދިން "ނުރައްކާތެރި، ރަހުމުކުޑަ" ހަމަލާގައި ޒަހަމްވި ރައީސް ނަޝީދަށާއި، އެހެން މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި. އަދި އެފަދަ ހަމަލާތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި.
ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ގިނަ ބަޔަކު ވަނީ އެއްވެފައި. އޭގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުންގެ އިތުރުން ބައެއް މަޖިލިސް މެމްބަރުން ހިމެނޭ. ކޮވިޑާ ހެދި މާލޭގައި 9:00ގެ ފަހުން ކާފިއު ހިންގާތީ ފުލުހުން އިލްތިމާސް ކުރަނީ އެ ސަރަހައްދަށް މީހުން އެއް ނުވުމަށް.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރުވެސް ވަނީ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް، އެމަނިކުފާނަށް އަވަށް ޝިފާއަކަށް އެދިވަޑައިގެންފައި. އަދި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަން އެނގިވަޑައިގަންނަވާ ކަމަށް ޑރ. ޖައިޝަންކަރު ވިދާޅުވި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދާދި ދެންމެއަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައި. އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ، އެމަނިކުފާނު ވަޑައިގަތުމުން އިސްތިއުފާއަށް ގޮވި ކަމަށް
ގޮވުމުގައި އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކަށް ވެސް ބޮޑެތި ގެއްލުން ތަކެއް ވަނީ ވެފަ އެވެ.
ގޮވުމާއެކު ގިނަ އަދަދެއްގެ އާންމުން ވަނީ އެ ސަރަހައްދަށް ޖަމާވެފަ އެވެ. ހަތިޔާރާއެކު ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އިރު، އާންމުން ވަނީ ވަރަށް ބޮޑަށް ފަހަތަށް ޖައްސައިފަ އެވެ.
އެ ސަރަހައްދުގައި ހުރި 'ސަން؛ ގެ ނޫސްވެރިޔާ ބުނީ އެއްޗެއް ގޮއްވާލާފައިވަނީ، އެމަނިކުފާނުގެ ކާރުކޮޅު ކައިރީ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ކަމަށް ބެލެވޭ ކަމަށެވެ.
ބާރު އަޑަކާއެކު ގޮވި ގޮވުމުގައި އެމަނިކުފާނުގެ އިތުރުން، އެމަނިކުފާނުގެ ބޮޑީގާޑަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަދި އެވަގުތު މަގުމަތީ ހުރި ބިދޭސީއެއްގެ ފައި ވެސް ވަރަށް ބޮޑަށް ވަނީ ޒަހަމްވެފަ އެވެ.
އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެއްޗެއް ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެމަނިކުފާނުގެ ފޯނާއި ތުރުކުރައްވައިގެން ހުންނެވި ފައިވާން އޮތީ މަގުމަތީގަ އެވެ.



