މި މަހުގެ ހަވަނަ ދުވަހުގެރޭ މާލޭގައި ދިން ޓެރަރިސްޓު ހަމަލާގައި ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ޝުކުރު އަދާކުރައްވައިފި އެވެ.

އެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަނަށް ފަރުވާ ހޯއްދެވުމަށް އޭޑީކޭގައި އޮންނެވި ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ރާއްޖޭގެ ސިއްހީ ދާއިރާ އަށް "މަރުހަބާ އާއި ޝުކުރު" ދަންނަވާފައި ވެއެވެ.

އަދި ވިދާޅުވީ މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން ރައްޔިތުން އެދޭ ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ފިތުރު އީދުގެ ތަހުނިޔާ ވެސް ފޮނުއްވައިފައެވެ.

ހަމަލާގައި ލިިބިލެއްވި ޒަހަމްތަކާއެކު އެމަނިކުފާނުގެ ސީރިއަސް އޮޕަރޭޝަން ތަކެއް އޭޑީކޭގައި ވަނީ ކޮށްފައެވެ. "ލައިފް ސޭވިން" އެ އޮޕަރޭޗަންތައް ކުރުމުގައި މަސައްކަތް ކުރެއްވި ޑޮކްޓަރުންނާއި ސިއްހީ މަސައްކަތްތެރިންގެ ޓީމަށް އެމަނިކުފާނުގެ އާއިލާ އިންނާއި ސަޕޯޓަރުންްވެސް ވަނީ މީގެ ކުރިން ޝުކުރު އަދާކޮށްފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު އެ ހަމަލާގެ އަޑީގައި ތިބި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.