15 May 2021, 19:22
އިސްރާއީލުން ޣައްޒާއަށް ދޭ އުދުވާނީ ޙަމަލާތައް ކިތަންމެ ވަރުގަދަ ވެފައި އެޙަމަލާތަކުގައި ފަލަސްތީނުގެ ހަތިޔަރުނެތް އާންމުން ޝަހީދުވެ ޣައްޒާ ބިމާ ހަމަވަމުން ދިޔަނަމަވެސް އިސްރާއީލަކީ މާބާރުގަދަ ގައުމެއްކަމަށް ދައްކައިގެން ޒަމާނުއްސުރެ އިސްރާއީލު ކުރި ހުރިހާ ޕޮރޮޕަގެންޑާ ތަކެއް މިއަދު މިވަނީ ބޭޒާރުވެ އިސްރާއީލު ސައިޒްވެ މުޅިން ފަޟީހަތްވެފަ އެވެ.
މުޖާހިދުންގެ ރޮކެޓް ހަމަލާތައް ނުހުއްޓުވުުނު ތަނުގައި ޣައްޒާގެ އާންމުން ދިިރިއުޅޭ މަދަނީ ތަންތަނަށް ހަމަލާދީ ހަތިޔާރުނެތް އާންމުން މެރުން ނޫން އިތުރުކަމެއް އިސްރާއީލުގެ ބާރުގަދަ އަސްކަރިއްޔާއަށް ކުރެވިފައެއް ނުވެއެވެ.
އިސްރާއީލުގެ ދިފާއީ ނިޒާމު ވަނީ ފޫއަޅުވާލާފައި
އިސްރާއީލުގެ ދިފާއީ ނިޒާމު ފޫއަޅުވާލައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއްދީ ބާރުގަދަ އިސްރާއީލު ސައިޒް ކޮށްލުމުގައި ދެތިން ދުވަހުގެެ ތެރޭގައި ފަލަސްތީނުގެ މުޖާހިދުން ވަނީ އާދަޔާ ޚިލާފު ކާމިޔާބެއް ހޯދާފައެވެ. މުޖާހިދުން ނާ ކުރިމަތިލުމަށްޓަކައި އެއްގަމު މަގުން ހަނގުރާމަ ފަށަންވެސް އިސްރާއީލަށް ކެރިފައެެއް ނުވެ އެވެ. ކުރެވުނު ކަމަކީ އެމެރިކާ އިން ދީފައިވާ ފައިޓާ ޖެޓްތަކުން ޣައްޒާގެ އިމަރާތްތަކަށް ބޮންއެޅުމެވެ. މިއީ މިފެންވަރުގެ ބޯޓުތައް ލިބިފައިވާނަމަ ކަނޑާލީމާ ލޭއަންނަ ކޮންމެ ސިފައިންގެ ލަޝްކަރަކަށްވެސް ކުރެވޭވަރުގެ އާދައިގެ ކަމެކެވެ.

މުޖާހިދުންގެ ރޮކެޓް ހަމަލާތަކެއްގައި އިސްރާއީލުގެ އިމާރާތަކަށް ލިބިފައިވާ ގެއްލުން
އިސްރާއީލުގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ފަލަސްތީނު މުޖާހިދުންގެ ރޮކެޓް ހަމަލާތަކުގައި އިސްރާއީލުގެ އެތަށް ސަތޭކަ ސަރަހައްދެއްގައި އަލިފާންގަނޑުތައް ރޯވެ އެތަށް އިމާރާތެއް ހަލާކުވެ އެތަށް ބަޔަކު މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެ އިގްތިސާދީއެތަށް މުއައްސަސާއެއްވަނީ ފުނޑުފުނޑު ވެފަ އެވެ.
ތިރިގައި މިވަނީ މުޖާހިދުންގެ ރޮކެޓް ހަމަލާތަކުގައި އިސްރާއީލަށް ލިބުނު ގެއްލުންތަކުގެ ތެރެއިން މައިގަނޑު ބޮޑެތި ގެއްލުންތަކުގެ ކުރު ޚުލާސާއެވެ.
މުޖާހިދުންގެ އިސްރާއީލަށް 2200 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލިއިރު އިސްރާއީލަށް މަތަކުރެވުނީ އެންމެ 400 ރޮކެޓް
ފަލަސްތީނު މުޖާހިދުންގެ އިސްރާއީލަށް 2200 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލިކަމާއި އޭގެތެރެއިން މަތަކުރެވުނީ 400 ރޮކެޓްކަމާއި ބާކީ ރޮކެޓްތައް އިސްރާއީލަށް އަރާފައިވާކަމަށް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. އަދި އިސްރާއީލުގެ ދިފާއީ ނިޒާމަށް ފަލަސްތީނުގެ ގިނަ ރޮކެޓްތައް ވައްޓާނުލެވޭނެކަމާއި އެއީ މުސްތަހީލް ކަމެއްކަމަށްވެސް އެންމެފަހުން އެއްބަސްވެ ވަޑައިގެން ކުރިން ހަރުކަށިކަމާއި ބޮޑާކަން ދެއްކި ނަތަންޔަހޫވަނީ ވަރަށް މައިތިރިވެ ހުންނަވައި ވަރަށް ސައިޒްވެ ހުންނަވައިގެން އިއްޔެ ވާހަކަ ދައްކަވާފައެވެ.
މާބާރުގަދަ ގައުމެއްކަމަށް ދައްކައިގެން އިސްރާއީލު ކުރި ހުރިހާ ޕޮރޮޕަގެންޑާ ތަކެއް ބޭޒާރުވެ އިސްރާއީލު ސައިޒްވެ ފަޟީހަތްވުން
އިސްރާއީލަކީ ކުރިން އެގައުމަށް ރޮކެޓެއް އަދި އުންޑައެއްވެސް ނާރާނެ އަދި އިސްރާއީލަށް ފޮނުވާ އުންޑައާއި ރޮކެޓްތައް އަނބުރައި އަންނާނީ އެ ފޮނުވާ ފަރާތަކާ ދިމާއަށްކަމަށް ޕޮރޮޕަގެންޑާކުރި ގައުމެކެވެ.

މުޛާހިދުންގެ ރޮކެޓެއް އަދި ތެލްއަވީވުގައި އަދަމުންދާ ކާރެއް
މިގޮތުން އިސްރާއީލަކީ އެއްވެސް ފަރާތަކަށް ނުކުޅެވޭވަރުގެ ބާރުގަދަ އަދި ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން އާދަޔާ ޚިލާފަށް ކުރިއަރާފައިވާ އަދި އެމެރިކާގެ އެންމެ ބަރުގަދަ ހަތިޔާރުން ހަތިޔާރު އަޅައިގެން އޮތް ގައުމެއްކަމާއި ފަލަސްތީނު މީހުންނާއި އަރަބިންނަށް ޖެހޭނީ އިސްރާއީލުގެ ކުރިމަތީގައި އަމާންދޭން ކަމަށްބުނެ ބިރު އަރަބިންނާއި މުސްލިމުންގެ ހިތްތަކުގައި ބިރުވެރިކަން ފަތުރާފައިވާ ގައުމެކެވެ.
އަރަބި ވެރިން ބިރުގަތަސް އަރަބި ރައްޔިތުން އިސްރައީލު ދެކެ ބިރެއް ނުގަނޭ
މިބިރުވެރިކަމުގައި ފަލަސްތީނުގެ ސަރުކާރާއި މިސްރާއި އުރުދުން އަދި ގަލްފުގެ އަރަބި ގައުމުތައް ފަދަ ބައެއް އަރަބި ގައުމުތަކުގެ ސަރުކާރުތައް (ރައްޔިތުންނެއްނޫން) ޖެހުނުކަމަށްވިޔަސް ފަލަސްތީނުގެ ރައްޔިތުންނާއި ޖަމާއަތްތަކާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތްފަދަ މުޖާހިދުންގެ ޖަމާއަތްތަކުން މީގެކުރިންވެސް ވަނީ އިސްރާއީލަށް ހަމަލާދީ އެތަށްފަހަރަކު މިގޮތަށް އިސްރާއީލު ސައިޒް ކޮށްލާފައެވެ. ފުރަތަމަ އިސްރާއީލު ސައިޒްކޮށްލީ އީރާނުގެ މަދަދުލިބޭ ހިޒްބުﷲ ޖަމާއަތުން 2005 ވަނައަހަރު އެވެ. އަދި އިސްރާއީލަކީ އިސްރާއީލާއި ހުޅަނގުން ޕްރޮޕަގެންޑާ ކޮށްފައިވާފަދަ ބާރުގަދަ ގައުމެއްނޫންކަން ސާބިތު ކޮށްދިނީ 2005 ވަނައަހަރު ހިޒްބުﷲ އިންނެވެ.

މުޖާހިދުންގެ ހަމަލާއެއްގައި އިސްރާއީލުގެ ކެމިކަލް ފެކްޓްރީއެއްގައި ރޯވެފައި
މިފަހަރު ފަލަސްތީނުގެ ޖަމާއަތްތަކުން މާބޮޑަށް މިވަނީ މާބޮޑަށް މިކަން ސާބިތުކޮށްދީ ހިޒްބުﷲ ގެ މެޑެލް ބޭނުންކޮށްގެން އިސްރާއީލު މާބޮޑަށް ބޭޒާރުކޮށްލާފައެވެ. އަދި އިސްރާއީލު ދެކެ މީހުން ގަތް ބޭކާރު ބިރުތައްވެސް މުޅިން ކަނޑުވާލާފައެވެ.
މުޖާހިދުންގެ ހަމަލަތަކުގައި އިސްރާއީލު މީހުންގެ ހަގީގީ އަދަދުތައް އިސްރާއީލުން ހާމައެއް ނުކުރޭ
މުޖާހިދުންގެ ހަމަލާތަކުގައި މަރުވިކަމަށް އިސްރާއީލުން ރަސްމީކޮށް އެއްބަސްވެފައިވަނީ އެންމެ 10 މީހުންކަމަށް ވެފައި ޒަޚަމްވީ 664 މީހުންކަމަށް ރަސްމީ ސިފައެއްގައި ބުނިނަމަވެސް މުޖާހިދުންގެ ހަމަލާތައް އިސްރާއީލުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަރާފައިވާ މިންވަރާއި އިސްރާއީލަށް ލިބިފައިވާ މާއްދީ ގެއްލުންތަކަށް ބަލާއިރު މިއަށްވުރެ މާގިނަމީހުން މަރުވެ މާގިނަ މީހުން ޒަޚަމްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ކުވައިތު ހަނގުރާމައިގެ ދުވަސްވަރު އިރާގުން (ސައްދާމްގެ ސަރުކާރުން) އިސްރާއީލަށް ދިން މިސައިލް ޙަމަލާތަކުގައި މަރުވީ އެންމެ 3 މީހުންކަމަށް އެދުވަސްވަރު އިސްރާއީލު ބުނިނަމަވެސް ފަހުންވަނީ އެޙަމަލާތަކުގައި އިސްރާއީލުގެ 43 މީހުން މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވި ކަމަށް އެއްބަސްވެފައެވެ.
ވައިގެ ދަތުރުތައް ގާތްގަނޑަކަށް ހުއްޓި ރޭލް ދަތުރުތައް އެއްކޮށް ހުއްޓި ވިޔަފާރި މަރުކަޒުތައް ބަންދުކޮށްފައި
ފަލަސްތީނުގެ މުޖާހިދުން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވް އަށާއި އިސްރާއީލުގެ އިތުރު 10 ވަރަކަށް ދެހާހަށްވުރެ ގިނަ ރޮކެޓް ޙަމަލާ ދީފައިވާއިރު 5 މިނިއްޓު ތެރޭގައި 130 ރޮކެޓްވެސް ފޮނުވާލާފައިވެއެވެ. މިހަ އިންޓެންސިވްކޮށް މުޖާހިދުންގެ ޙަމަލާތައް އިސްރާއީލަށް އަރަމުންދާތީ އިސްރާއީލުގެ މައި އެއާޕޯޓްކަމަށްވާ ބެންގޯރިއަން އެއާޕޯޓް ބަންދުކޮށް އިސްރާއީލަށް އަންނަ ފްލައިޓްތައް ޑައިވާޓްކުރީ އިސްރާއީލުގެ ދެކުނުގައި އޮންނަ ރާމޮން އެއާޕޯޓަށެވެ. ރާމޮން އެއާޕޯޓަށްވެސް މުޖާހިދުންގެ ރޮކެޓް ޙަމަލާތައް އަމާޒުވުމުން އިސްރާއީލުގެ ވައިގެ ދަތުރުފަތުރުތައް ގާތްގަނޑަކަށްވަނީ ހުއްޓިފައެވެ.

މުޖާހިދުންގެ ރޮކެޓް ޙަމަލާތައް އިސްރާއީލަށް އޮއްސަނީ
މީގެއިތުރުން އިސްރާއީލުގެ އެތެރޭގެ ރޭލް ދަތުރުތައް އެއްކޮށްވަނީ ހުއްޓާލާފައެވެ. ހޮޓާރެސްޓޯރެންޓްތަކާއި ބޮޑެތި ވިޔަފާރި މަރުކަޒުތަކާއި ބެންކްތައްފަދަ އިގްތިސާދީ ބޮޑެތި މުއައްސަސާތައްވަނީ ބަންދުކޮށްފައެވެ. އެތަންތަން ބަންދުކޮށްގެން 6 ދުވަހުގެ ތެރޭގައި އިސްރާއީލަށް ލިބުނު ގެއްލުންތައް 190 މިލިޔަނަށް އަރާކަމަށް އިސްރާއީލުގެ ނޫސްތައް ބުނެއެވެ.
އިސްރާއީލުގެ ގޭސް ސިނާއަތުގެ މަސައްކަތް ހުއްޓިފައި
އިސްރާއީލުން ގޭސް ނެގުމަށްޓަކައި މެޑިޓަރޭނިޔަން ކަނޑުގައި ކުރިޔަށް ގެންދާ ޓަމާ ޕްލެޓްފޯމްގެ މަސައްކަތްވެސް މުޖާހިދުންގެ ހަމަލާތަކުގެ ސަބަބުންވަނީ އެއްކޮށް ހުއްޓިފައެވެ. އަދި މިމަސައްކަތްކުރާ އެމެރިކާގެ ކުންފުނި ކަމަށްވާ ޗެވްރޮން ކުންފުނީގެ މީހުންވަނީ އިސްރާއީލު ދޫކޮށް ގޮސްފައެވެ. މިއީ އަހަރަކު 10 ބިލިޔަން ކޮޑި މީޓަރުގެ ގޭސް އިސްރާއީލުގެ ކަންކޮޅުތަކަށް ފޯރުކޮށްދޭ ސިނާއަތެކެވެ. މުޖާހިދުންވަނީ އިސްރާއީލުގެ ރައްތަކަށް މިގޭސް ފޯރުކޮށްދޭ ޕައިޕްލައިން ގެ ނެޓްވާކަށް އެތަށް ތަނަކުން ހަމަލާދީފައެވެ. ގޭސް ސިނާއަތު ހުއްޓުމަކަށް އައީ މުޖާހިދުންގެ ޙަމަލާތަކާއެކު ގޭސް ރައްކާކޮށްފައިވާ ތަނަކަށް މުޖާހިދުންގެ ރޮކެޓެއް އަރައި ވަރުގަދަ އަލިފާންގަނޑެއް ފެތުރިގެންގޮސް ގޭސް ހޮޅިތަކުގެ ބޮޑުބައެއް އެނދުމުގެ ސަބަބުންނެވެ.
އިސްރާއީލުގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް އާންމުން ގެ ގިނަބަޔަކު ބިންގަރާސްތަކުގައި
މުޖާހިދުންގެ ރޮކެޓް ޙަމަލާތައް ނާރާ އިސްރައީލުގެ ރަށެއް ވަރަށް މަދެވެ. ހަމާސް އިން އެންމެފަހުން އިސްރާއީލަށް ފޮނުވާލާފައިވަނީ 246 ކިލޯމީޓަރުގެ ރާސްތާގެ ރޮކެޓްތަކެވެ. މި ރޮކެޓްތައް އިސްރާއީލުގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރައެވެ. ނަމަވެސް މިބާވަތުގެ އެހާ ގިނަ ރޮކެޓްތަކެއް އަދި ބޭނުމެއް ނުކުރެއެވެ. ރޮކެޓް ހަމަލާތަކާއެކު އިސްރާއީލުގެ ގިނަ ރައްތަކާއި އަވަށްތަކުގައި ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް އާންމުންގެ ގިނަ ބަޔަކުވަނީ ބިންގަރާސްތަކަށް ވަދެ ފިލާފައެވެ. ނަމަވެސް މިގޮތަށް އަބަދު ބިންގަރާސްތަކުގައި އިސްރާއީލު މީހުންނަކަށް ނުތިބެވޭނެއެވެ. އަދި އިސްރާއީލަކީ ދުނިޔޭގެ ކަންކޮޅު ތަކުން ޔަހޫދީން ފަލަސްތީނުގެ ބިމަށް ހިޖުރަކޮށްގެން އުފައްދާފައިވާ ގައުމަކަށްވާއިރު އިސްރާއީލުގައި އަމާންކަން ގެއްލިގެންދިޔުމުން މިޔަހޫދީ ވަޒަންވެރިންތައް އިސްރާއީލަކު ނުތިބޭނެއެވެ.

ޔަހޫދީ ވަޒަންވެރިންގެ ގެތަކަށް މުޖާހިދުންގެ ހަމަލާތަކެއް އަރާފައި
2005 ވަނަ އަހަރު ލުބްނާނުގެ ހިޒްބުﷲ އާ ދެކޮޅަށް ކުރި ހަނގުރާމައިގާ އެޖަމާއަތުން ފޮނުވާލި ރޮކެޓްތައް އިސްރާއީލަށް އަރައި އަމާންކަން ގެއްލިގެން ދިޔުމުންވެސް މިޔަހޫދީ ވަޒަންވެރިންގެ ބައެއް މީހުން އިސްރާއީލު ދޫކޮށް ދިޔައެވެ. މިހާރު ފެށިގެން އުޅޭ ކުރިމަތިލުންތައް ދިގުލައިގެން ގޮސްފިނަމަ ޔަހޫދީންތައް އިސްރާއީލު ދޫކޮށް އެމީހުންގެ އަމިއްލަ ގައުމުތަކަށް ދާން ފަށާނެއެވެ.
މިހާރުވެސް ބައެއް ޔަހޫދީ ވަޒަންވެރިންވަނީ އިސްރާއީލު ދޫކޮށް ދާންބޭނުންވާކަމާއި އިސްރާއީލަކީ އަމާންކަން ނެތްތަނެއްކަމަށްބުނެ ޝަކުވާ ކުރަން ފަށާފައެވެ. ޔަހޫދީ ވަޒަންވެރިންތައް އިސްރާއީލު ދޫކޮށް ދިޔުމުން އިސްރާއީލެވެމިކިޔާ ދައުލަތެއް ފަލަސްތީނުގެ ބިމުގައި ރޫޅިގެންދާނެއެވެ. ސަބަބަކީ އިސްރާއީލަކީ ބައެއްގެ ބިމުގައި ޔަހޫދީ ޒަޔަނިސްޓުންނާއި އެމެރިކާއާއި ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުން ސިނާއީ ގޮތުން އުފައްދާފައިވާ ގައުމަކަށްވާތީއެވެ.
އިސްރާއީލުގެ އެތަށް ސަތޭކަ ގެއަކާއި އެތަށް ސަތޭކަ ކާރާއި ވެހިކަލްތަކަށް މުޖާހިދުންގެ ޙަމަލާތައްވަނީ އަރާފައި
މުޖާހިދުންގެ ހަމަލާތައް އިސްރާއީލުގެ އެތަށް ސިޓީއަކާއި އަވަށްތަކާއި ވިލެޖްތަކަށް އެރުމުން އެތަންތަނުގެ އެތަށް ސަތޭކަ ތަނެއްގައިވަނީ އަލިފާން ރޯވެފައެވެ. އިސްރާއީލުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކަށް ބަލާއިރު އެތަށް ސަތޭކަ ވެހިކަލެއްވަނީ މަގުމަތީގައި އޮއްވައި އަނދައި ހުލިވެފައެވެ. ޔަހޫދީ ވަޒަންވެރިން ދިރިއުޅޭ އެތަށް އިމާރާތްތަކަށް މުޖާހިދުންގެ ރޮކެޓްތައްވަނީ އަރާފައެވެ. މުޖާހިދުންގެ އެންމެ ބޮޑު ކާމިޔާބީއަކީ އިސްރާއީލުގެ ފަޚުރުވެރި އަސްކަރީ ސިނާއަތު ކަމަށް އެންމެ ބޮޑަށް ދައުވާކޮށް ޕްރޮޕަގެންޑާ ކޮށް މޮޅު ކަމަށް އަޑުފެތުރި މިސައިލް އައްޑަނައިގެ ނިޒާމު ފޫއަޅުވާލައި އިސްރާއީލުގެ އެންމެ އެތެރެއަށް މިސައިލް ހަމަލާތައް ދިނުމުގައި ހޯދި ކާމިޔާބީއެވެ.
މުޖާހިދުންގެ އިސްރާއީލަށް 2200 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލިއިރު އޭގެތެރެއިން 1900 ރޮކެޓް އިސްރާއީލަށް އެރުމަކީ ކުޑަ ކާމިޔާބީއެއްނޫނެވެ. އިސްރާއީލަކީ ރޮކެޓެއް އަދި އުންޑައެއްވެސް ނާރާނެ ފަދަ ވަރުގަދަ ބާރެއްކަމާއި އަދި އިސްރާއީލަށް ފޮނުވާ އުންޑައާއި ރޮކެޓްތައްވެސް އަނބުރައި އަންނާނީ އެ ފޮނުވާ ފަރާތަކާ ދިމާއަށްކަމަށް ޕޮރޮޕަގެންޑާކުރި ކުރުމަކީ ދޮގެއްކަމާއި އިސްރާއީލަކީ ހަގީގަތުގައި ފޭކެއްކަން ދުނިޔެއަށް ބޭޒާރުކޮށްލުމަކީ މުޖާހިދުން ހޯދި ކުޑަ ކާމިޔާބެއް ނޫނެވެ.

މުޖާހިދުންގެ ރޮކެޓެއް އިސްރާއީލުގެ އިމާރާތަކަށް އަރާފައި
މިކަމުގެ ސަބަބުން އިސްރާއީލު އިސްރާއީލުގެ ދިފާއީ ނިޒާމު ފޫއަޅުވާލައި މިވަނީ ބިލާހަކަށް ވެގެންގޮސްފައެވެ. ޣައްޒާގައި 15 އަހަރުވަންދެން ޙިސާރުކޮށްފައިއޮތް ހަމާސް ޖަމާއަތުގެ މައްޗަށް ކާމިޔާބު ނުހޯދުނު އިސްރާއީލަށް އީރާނާ އަސްކަރީ ގޮތުން ކުރިމަތިލާން ކެރޭނީ އަދި އީރާނުގެ ބިޔަ އަސްކަރީ ސިނާއަތާ އަދި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ދެކޮޅަށް ނުކުންނާނީ ކިހިނެތް ކަމުގެ ސުވާލު އިސްރާއީލުގެ ތެރޭގައިވަނީ އުފެދިފައެވެ.
އެއްގަމު މަގުން ޣައްޒާއަށް އަރައި މުޖާހިދުންނާ ކުރިމަތިލުމަށް ނުކުޅެދުން
މުޖާހިދުން ނާ ކުރިމަތިލުމަށްޓަކައި އެއްގަމު މަގުން ހަނގުރާމަ ފަށަންވެސް އިސްރާއީލަށް ކެރިފައެެއް ނުވެއެވެ. އެއީ މުޖާހިދުންގެ އަތްދަށުގައި އިސްރާއީލު ސިފައިންގެ ގިނަޔަކު ހައްޔަރުވެ އަސީރު ވެދާނެތީއާއި އިސްރާއީލު ސިފައިންގެ ގުިނަބަޔަކު މަރުވެދާނެކަމުގެ ބިރު ހީވާތީއެވެ.
މީގެކުރިން 2014 ވަނައަހަރުގެ އުދުވާންގައިވެސް އެއްގަމު މަގުން ޣައްޒާއަށް އަރަން އިސްރާއީލު ސިފައިން އުޅުމުން އެކަން ނާކާމިޔާބުވެ އިސްރާއީލު ސިފައިން ގެ އެއްބަޔަކު މަރުވެ އަނެއްބަޔަކުވަނީ މުޖާހިދުންގެ އަތްދަށުގައި ހައްޔަރުވެފައެވެ. އެހެންކަމުން 5 ދުވަހުގެ އުދުވާންގައި އިސްރާއީލަށް ކުރެވުނު ހަމައެކަނި ކަމަކީ އެމެރިކާ ދީފައިވާ ފައިޓާ ޖެޓްތަކުން ގައްޒާގެ މަދަނީ އިމަރާތްތަކަށް ބޮންއެޅުމެވެ. މިއީ މިފެންވަރުގެ ބޯޓުތައް ލިބިފައިވާނަމަ ކަނޑާލީމާ ލޭއަންނަ ކޮންމެ ސިފައިންގެ ލަޝްކަރަކަށްވެސް ކުރެވޭވަރުގެ އާދައިގެ ކަމެކެވެ.