16 May 2021, 20:21
ޓޫރިޒަމް ގާނޫނުގެ ދަށުން ކުއްޔަށް ދިނުމަށް ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރެވޭނީ ފަޅުތަކުގައި ކަމަށް ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު ގައި ބުނެފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުން ބާރު ލިބިގެން އެކުލަވާލާ، މިއަދު ގެޒެޓް ކޮށްފައިވާ ގަވާއިދުގައި ބުނީ ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރުމަށް ފަޅުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ކުއްޔަށް ދެވޭނީ ހަމައެކަނި އެބޭނުމަށް ފަޅު ކަނޑައަޅާ، ރައޯސް ނެރުއްވާ ގަރާރުގައި ބަޔާންކުރާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ކަމަށެވެ.
އެ ގަވާއިދު ބުނާގޮތުން ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރާ ފަޅުގައި ތަރައްގީ ކުރާ ހުރިހާ ވަކިވަކި ޕްރައިވެޓް އައިލެންޑްތަކާ ގުޅޭ ހައްގުތައް އިންވެސްޓަރުންނަށް ދިގުމުއްދަތަކަށް ކުއްޔަށް ދެވުމުން ސަރުކާރާއި ޑިވެލޮޕަތާ ދެމެދު ވެވޭ އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭނެ އެވެ.
ގަވާއިދު ބުނާގޮތުން އެއް ފަޅެއްގައި ޕްރައިވެޓް އައިލެންޑުގެ ގޮތުގައި އެއް ރަށަށް ވުރެ ގިނަ ރަށްތަކެއް ހިއްކާނަމަ، ކޮންމެ ދެ ރަށެއްގެ ދެމެދުގައި ދެ ތަށުގެ މީން ޓައިޑް ލައިނުން ފެށިގެން 350 މީޓަރުގެ ދުރުމިން ބަހައްޓަން ޖެހެ އެވެ. ނަމަވެސް އެއް އެއްބަސްވުމެއްގެ ދަށުން ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި އިންވެސްޓަރަށް ކުއްޔަށް ދޫކުރާ ދެ ރަށް ނުވަތަ އެއަށްވުރެ ގިނަ ރަށްރަށް އިސްތިސްނާ ވާނެ ކަމަށް ބުނެފައި ވެއެވެ.
ފަޅުގައި ރަށް ހިއްކުމަށްފަހު ރަށްތަކަށް ނަން ދިނުމަށް ދަފްތަރު ކުރަން ޖެހެނީ ޓޫރިޒަމް މިނިސްޓްރީގަ އެވެ.
އެއް ފަޅެއްގައި ޕްރައިވެޑް އައިލެންޑުގެ ގޮތުގައި އެއް ރަށަށްވުރެ ގިނަ ރަށްތައް ހިއްކާފައިވާނަމަ، ކޮންމެ ރަށެއްގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި އެ ރަށުގެ މީން ޓައިޑް ލައިން އިން ފެށިގެން 150 މީޓަރުގެ ސަރަހައްދެއް ކަނޑައަޅަން ޖެހެ އެވެ. ޕްރައިވެޓް އައިލެންޑެއް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ ކުރިން އެ ރަށުގެެ ފަޅުގެ ސަރަހައްދު ވަކިކޮށް ޗާޓު ތައްޔާރު ކުރުމަކީ ޑިވެލޮޕަރުގެ ޒިންމާ އެއް ކަމަށް ގަވާއިދު ބުނެފައި ވެއެވެ.
ޕްރައިވެޓް އައިލެންޑުގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 15 މީޓަރެވެ. އިންވެސްޓަރު ބޭނުންވެއްެޖެ ހާލަތެއްގައި ޕްރައިވެޓް އައިލެންޑުގައި އިމާރާތް ނުކޮށް ރަށް ބޭނުންކުރުމުގެ ހައްގު އޮންނާނެ ކަމަށާއި އިމާރާތް ކުރާނަމަ އިމާރަތް ކުރެވޭނީ، އިމާރާތްކުރާ ސަރަހައްދު، ރަށާއި ފަޅުގެ ސަރަހައްދުގެ 50 ޕަސެންޓަށްވުރެ އިތުރު ނުވާނެހެން ކަމަށް އެ ގަވާއިދުގައި ވެއެވެ.
ޕްރައިވެޓް އައިލެންޑުގެ ގޮތުގައި ހިއްކާފައިވާ ވަކިވަކި ރަށްތައް އިންވެސްޓަރުންނަށް ކުއްޔަށް ދޫކުރަންވާނީ އާންމުކޮށް އިއުލާނު ކޮށްގެން ކަނޑައެޅިފައވާ އުސޫލުގެ ދަށުން އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅާ ފަރާތަށް ކަމަށް ގަވާއިދު ބުނެ އެވެ.
އެގޮތުން ޕްރައިވެޓް އައިލެންޑު ކުއްޔަށް ދެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ވަކި ފަރުދަކަށް ނުވަތަ ރާއްޖޭގައި ރެޖިސްޓާ ކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނާޝިޕަކަށެވެ.
ގަވާއިދު ބުނާގޮތުން ޕްރައިވެޓް އައިލެންޑް ބޭނުން ކުރެވޭނީ އިންވެސްޓު އަމިއްލަ އަށް ޗުއްޓީ ހޭދަކުރަން ނުވަތަ ވިޔަފާރި އުސޫލުން ނޫންގޮތަކަށް އިންވެސްޓަރު ހުއްދަކުރާ އެހެން ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށެވެ.
ޕްރައިވެށް އައިލެންޑް ބޭނުންކުރާ ފަރާތްތަކުގެ ދަފްތަރެއް އިންވެސްޓަރު ބަލަހައްޓަން ޖެހޭނެ ކަމަށްވެސް ގަވާއިދު ބުނެ އެވެ. އެގޮތުން ޒިޔާރަތްކުރި ފަރާތުގެ ނަމާއި ޕާސްޕޯޓު ނުވަތަ އައިޑީކާޑު ނަންބަރު، ގައުމު، ރަށުގައި ހޭދަކުރި މުއްދަތު އެނގޭނެހެން އެ މައުލޫމާތު ބަލަހައްޓަން ޖެހެ އެވެ.
މީގެ އިތުރުން ޕްރައިވެޓް އައިލެންޑާ ގުޅޭ ހައްގުުތައް އެ ރަށެއް ކުއްޔަށް ހިފާފައިވާ އިންވެސްޓަރު
ބޭނުންވެއްޖެ ނަމަ ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާ އެކު، އެހެން ފަރާތަކަށް ވިއްކައިލެވިދާނެ ކަމަށާއި ނަމަވެސް ޕްރައިވެޓް އައިލެންޑާ ގުޅޭ ހައްގުތައް، އިންވެސްޓަރު ބޭނުންވެގެން އެހެން ފަރާތަކަށް ކުއްޔަށް ނުދެވޭނެ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ޕްރައިވެޓް އައިލެންޑެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން، އެ ރަށަކާ ގުޅިގެން އިންވެސްޓަރަށް ލިބިފައިވާ ހައްގުތައް ދައުލަތަށް އަނބުރައި އިއާދަވާނެ ކަމަށާއި ރަށުގައިވާ އެންމެހައި އުފުލޭ މުދާ ގެންދިއުމުގެ ހައްގު އިންވެސްޓަރަށް އޮންނާނެ ކަމަށް ގަވާއިދު ބުނެއެވެ.