17 May 2021, 13:46
އަލަށް އިންތިހާބުވި މާލޭ ސިޓީ ކައުންސިލަކީ ސިޔާސީ ޖަަގަހައަކަށް ނުވާނެ ކަމަށާއި، ސިޔާސީ ފިކުރަށް ބެލުމެއްނެތި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދެމިތިބޭނެ ކަމަށް، އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީގެ ހަތަރު ވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރުމަށް ފަހު މިއަދު ބޭއްވި ދައުރުގެ ފުރަތަމަ ޖަލްސާގައި މުއިއްޒު ވިދާޅުވީ، އަލަށް ހުވާކުރި ކައުންސިލް، ކުރީގެ ކައުންސިލާ ތަފާތު ވާނެ ކަމަށެވެ. އެގޮތުން ކުރިއާ ހިލާފަށް، ސިޓީ ކައުންސިލުން މަސައްކަތް ކުރާނީ ސިޔާސީ ޖަގަހައެއްގެ ގޮތުގައި ނޫން ކަމަށް މޭޔަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އާ ކައުންސިލް ވެގެންދާނީ ގޮތް ނިންމުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ، ހިދުމަތުގެ ގޯއްޗެއް ކަމަށެވެ.
ހަމައެއާ އެކު، ސިޔާސީ ފިކުރަށް ބެލުމެއްނެތި މާލޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ހިދުމަތް ކޮށްދިނުމަށް ހުރިހާ ކައުންސިލަރުންގެ ކިބައިން މޭޔަރު އެދިވަޑައިގަތެވެ.
މިއަދުގެ ޖަލްސާގައި ވަނީ މާލޭ ސިޓީ ކައުންސިލްގެ އާ އެކްޝަން ޕްލޭން، "ރައްޔިތުން އެދޭ އަމާޒަށް" ވެސް ފާސްކޮށްފަ އެވެ. އެ އެކްޝަން ޕްލޭންގެ މައިގަނޑު އަމާޒުތަކަކީ:
ބިންވެރި ރައްޔިތެއް
ޗާލު މާލެ ސިޓީ
ހިތްފަސޭހަ މަގުމަތި
ފުދުންތެރި ދިރިއުޅުން
ޑިޖިޓަލް މާލެ
ހަރުދަނާ އިދާރީ ހިންގުން
ރައްޔިތުންނާ ބައްދަލުވާ ކައުންސިލް
މޭޔަރު މުއިއްޒު ވިދާޅުވީ، އެކްޝަން ޕްލޭން އާ އެއްގޮތަށް މަސައްކަތް ކުރުމަށް ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލަށް ކޮށްދޭން ޖެހޭ ކަމެއްގެ ބަދަލުގައި، ރައްޔިތުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި އެއްބާރުލުން ދިނުމަށް ސަރުކާރުގެ ކިބައިން އެދިވަޑައިގަތެވެ.
"ސަރުކާރުން އެއްބާރުލުން ދޭހާ ހިނދަކު ސިޓީ ކައުންސިލް ވާނީ ސަރުކާރުގެ އެންމެ ގާތް އެކުވެރިޔާއަށް،" މުއިއްޒު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ގުޅީފަޅުގައި ޕޯޓު އެޅުން ހުއްޓާލައި، އެއީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ތަނެއްގެ ގޮތުގައި ބާއްވަން ސަރުކާރަށް ގޮވާލައްވައިފަ އެވެ. އަދި ހިޔާ ފްލެޓުތަކުގެ ފިނިޝިންގް އަށް ރައްޔިތުން ދައްކަން ޖެހޭ އަދަދު، ފްލެޓުގެ ޖުމްލަ އަގުން އުނިކުރުމަށް ވެސް ގޮވާލެއްވި އެވެ.