ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި، އެމަނިކުފާނުގެ ސެކިއުރިޓީ ފެއިލްވި ގޮތުގެ ތަހުގީގެއް ހިންގުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)ން ނިންމި ނިންމުން، މިއަދުގެ މަޖިލިސް ޖަލްސާގައި ފާސްކޮށްފި އެވެ.

މިމަހު ހަވަނަ ދުވަހު ރައީސް ނަޝިދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު ގޯޅި ކަންމަތީގައި އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ނިންމި، ހަ ނިންމުމުގެ ރިޕޯޓު މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހެޅުމުން 42 މެމްބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީ ރިޕޯޓުގައިވާ ގޮތުގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ފެއިލްވިގޮތުގެ މަޖިލީހުން ހިންގާ ތަހުގީގުގައި ގާނޫނާއި ގަވައިދުތައް ތަންދޭ އެންމެ ފުޅާދާއިރާއެއްގައި އެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ކޮމިޓީން އޮތީ ނިންމާފަ އެވެ. އަދި އެ މަސައްކަތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާހިރުންގެ އެހީތެރިކަން ހޯދުމަށްވެސް ކޮމިޓީން ނިންމާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

އެ ރިޕޯޓު މަޖިލީހުން ފާސްވުމުން، ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ، އެ ތަހުގީގާ ގުޅިގެން މިރޭ މަޖިލިސް ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ދެންމެ ފާސްކުރި ކޮމިޓީ ރިޕޯޓާ ގުޅިގެން އަޅުގަނޑުމެން އިތުރު މަސައްކަތް ކުރަން ޖެހޭ. އެއީ އެ އިންކުއަރީއާގެން ކުރިއަށް ގެންދިޔުމަށް. އެހެންވީމަ، އަޅުގަނޑު ގަސްތުކުރަނީ ތަޅުމުން ނިންމަންޖެހޭ ކަންކަން ނިންމުމަށް މިރޭ 8:30ގައި ޖަލްސާއެއް ބޭއްވުމަށް،"އިވާ ވިދާޅުވި އެވެ.

އެ ރިޕޯޓުގައި ދެން ކޮމިޓީން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ރައީސް ނަޝީދުގެ މައްސަލަ ހިމެނޭ ގޮތަށް ހުރިހާ ހަރުކަށު ފިކުރުގެ ތަހުގީގުތައް އަވަސް ކުރުމަށް ފުލުހުންނަށް ދެންނެވުމަށްވެސް ހިމެނެ އެވެ.

އެ ހަމަލާއާ ގުޅިގެން ރިޔާސަތުން މިއަދު ވަނީ މެމްބަރުން އެކަމުގައި ހިޔާލު ފާޅު ކުރުމަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. އެ މައްސަލައަށް ހުރިހާ މެމްބަރުން ބަހުސްކޮށް، ނިމެންދެން ޖަލްސާ ކުރިއަށް ދިޔުމަށް މެމްބަރުންގެ ވޯޓުން ވަނީ ނިންމާފައެވެ. މިހާރު މަޖިލިސް ހުސްވަގުތުކޮޅަށް މެދުކަނޑާލުމަށްފަހު، އަނެއްކާވެސް 3:45ގައި ޖަލްސާ ކުރިއަށް ދާނެ ކަމަށް ރިޔާސަތުން ވަނީ އިއުލާންކޮށްފަ އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގޭ، ހުންނަ ނީލޯފަރު ގޯޅި ކަންމަތީގައި ސައިކަލެއް ބޭނުންކޮށްގެން އައިއީޑީއެއް ގޮއްވާލައި، ދިން ޓެރަރިސްޓް ހަމަލާގައި، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގަތެވެ. އެ ޒަހަމްތަކަށް ފަރުވާ ކުރުމަށް އޭޑީކޭގައި ގިނަ ސާޖަރީތަކެއް ހަދައި، އިތުރު ފަރުވާއަށް މިހާރު ޖަރުމަނުވިލާތައް މިދިޔަ ހޮނިހިރު ދުވަހު ވަނީ ފުރާ ވަޑައިގެންފަ އެެވެ. އެ ހަމަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.