ބެއިޖިން (20 މޭ ) : ކޮވިޑް-19 އާ ދެކޮޅަށް ޗައިނާއިން އުފެއްދި އެންމެ ފަހުގެ ވެކްސިންއަކީ އެއް ޑޯޒްގެ ވެކްސިން އެއް ކަމަށް އެގައުމުން ބުނެފި އެވެ.

ބޭހާއި ވެކްސިން އުފައްދާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ "ކެންސީނޯ ބައޮލޮޖިކްސް" ބުނާ ގޮތުން އެކުންފުނިން އުފެއްދި ކޮވިޑް ވެކްސިން އަކީ އެއް ޑޯޒުގެ ވެކްސިންއެކެވެ. އިމަޖެންސީ ހާލަތްތަކުގައި އެ ވެކްސިން ޖެހުމުގެ ހުއްދަ ޗައިނާގެ ކަމާބެހޭ އިދާރާތަކުން މިހާރު ދީފައިވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

"ކެންސީނޯ ބައޮލޮޖިކްސް" ބުނާގޮތުން އެއްޑޯޒުގެ ވެކްސިން އެއް އުފެއްދުމުގެ ރީސާޗްތައް ފެށީ މިދިޔަ އަހަރު އެވެ. އެއީ ކޮވިޑް-19 އަށް ދޭ ވެކްސިންތަކަކީ ދެ ޑޯޒު ޖަހަންޖެހޭ ވެކްސިންތަކަށް ވެފައި ދެ ޑޯޒު ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވާތީއެވެ. ޗައިނާގެ ބައޮޓެކްނޮލޮޖީއާ އާބެހޭ ރީސާޗް މަރުކަޒުތަކުން މީގެ ކުރިން ވަނީ ކޮވިޑްއާ ދެކޮޅަށް ފަސް ވައްތަރުގެ ވެކްސިން އުފައްދާފައިވެ އެވެ. މިއިން ކޮންމެ ވެކްސިންއަކީ ވެސް ދެ ޑޯޒު ފުރިހަމަ ކުރަންޖެހޭ ވެކްސިންތަކެވެ.

އެއް ޑޯޒް ވެކްސިން އެއް އުފައްދައި ދުނިޔޭގެ ބާޒާރަށް އެންމެ ފުރަތަމަ ނެރުނީ އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން ކުންފުނިންނެވެ. ނަމަވެސް އެވެކްސިން ޖެހި ބައެއް މީހުންނަށް ލޭ ގަނޑުވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުންވަނީ އެވެކްސިން ޖެހުން މެދުކަނޑާލައިފަ އެވެ.

ކޮރޯނާ ވައިރަސްގެ ބާވަތެއް ކަމަށްވާ ކޮވިޑް-19 ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ވޫހާން ސިޓީންނެވެ. އެއާ އެކު ޗައިނާގެ ކަންކޮޅުތަކަށް ކޮވިޑް ފެތުރި 2020ގެ ކުރީކޮޅު ޗައިނާގެ ރައްޔިތުން ވަނީ އެބަލީގެ ވޭންތައް ވަރަށް ބޮޑަށް އުފުލައިފަ އެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ފަހުކޮޅަށް އައިއިރު ޗައިނާ ވަނީ އެގައުމުގެ 1.4 ބިލިޔަން މީހުންގެ ބިޔަ އާބާދީގައި އެބަލި ކޮންޓްރޯލް ކުރުމުގައި އާދަޔާ ޚިލާފު ކާމިޔާބީ އެއްހޯދައިފަ އެވެ.

ދުނިޔޭގެ އެތަށް ގައުމަކުން ފުރަތަމަކޮޅު ކޮވިޑް ކޮންޓްރޯލް ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި އެވެ. ނަމަވެސް އޭގެ ފަހުން ކޮވިޑްގެ އައުވޭރިއަންޓްތައް އުފެދުމާ އެކު އައި ކޮވިޑްގެ ދެ ވަނަ އަދި ތިން ވަނަ ރާޅުތަކުގައި އެބަލި ކޮންޓްރޯލް ކުރުމުގައި އެގައުމުތައް ވަނީ ނާކާމިޔާބުވެފަ އެވެ. ނަމަވެސް އައުވޭރިއަންޓްތަކުން ގައުމު ސަލާމަތް ކުރުމުގައި ޗައިނާވަނީ ކާމިޔާބު ހޯދާފަ އެވެ.

ޗައިނާގެ ބިޔަ އާބާދީގައި ކޮވިޑަށް ޕޮޒިޓިވް ވަނީ މިހާރު ދުވާލެއްގެ މައްޗަށް 30 އާއި 50 އާ ދެމެދުގެ އަދަދެއްގެ މީހުންނެވެ. ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެންމެ ނާކާމިޔާބު ގައުމުގެ ގޮތުގައި އެތަށް މަހެއްވަންދެން އޮތް އެމެރިކާ ވެސް މިހާރު ގެންދަނީ އެބަލި ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދަމުންނެވެ. އެމެރިކާގައި ކޮވިޑް ކޮންޓްރޯލް ވާންފެށީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އައުމާއެކު ޖޯބައިޑެން ވެރިކަމާ ހަވާލުވެ ވަޑައިގެން އެބައްޔާ ދެކޮޅަށް މަރުކަޒީ ލެވެލްގައި ފެއްޓެވި މަސައްކަތްތަކުގެ ސަބަބުންނެވެ. (ނޫސްއެޖެންސީތައް)