20 May 2021, 16:30
ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ހުޅުމާލެއިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހުޅުމާލެއިން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެފަދަ އޮޕަރޭޝަނެއްގައި މިމަހުގެ 18 ވަނަ ދުވަހު މާލެއިން ވެސް މީހަކު ހައްޔަރުކޮށްފައިވާއިރު، އިއްޔެ ވަނީ ބ. ދަރަވަންދޫ އިންވެސް މީހަކު ހައްޔަރު ކޮށްފަ އެވެ.
މީގެ އިތުރުން އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި ވެސް ހަތް މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
ހަރުކަށިފިކުރާ ދެކޮޅަށް ފުލުހުން މި އޮޕަރޭޝަންތައް ފަށާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެވެ. ހަމަލާގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު މިވަގުތު ހުންނެވީ ޖަރުމަނު ވިލާތުގަ އެވެ.
އެމައްސަލައާ ގުޅިގެންވެސް ފުލުހުން ވަނީ ހަރުކަށި ފިކުރާ ގުޅުން ހުރި ބަޔަކު ހައްޔަރު ކޮށްފަ އެވެ.