ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލަ އާއި ގުޅިގެން ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މެއި29 ވަނަ ދުވަހުގެރޭ މީހަކަށް އަނިޔާކުރި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރާއި 24 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށެވެ.

އޭގެ އިތުރުން އެމީހާ އެރުވި ކާރު ކަމަށް ބެލެވޭ ކާރެއްވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ރަހީނުކޮށް އަނިޔާކުރި ޒުވާނާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަަމަށާއި، އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.

ރަހީނުކޮށްފައި ވަނީ އެރަށު ރަތްފުސްގެ، އަހްމަދު އިބްރާހީމް އެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭއެޅިފަ އެވެ.

އަހްމަދު އިބްރާހީމްގެ ބައްޕަ، އިބްރާހިމް ހުސައިން ރޭ "ސަން" އަށް ބުނީ އޭޑީކޭ ހޮސްޕިޓަލުން އަހްމަދުގެ ބޮލުގެ އޮޕްރޭޝަނެއް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

އިބްރާހިމް ބުނީ، ރަހީނުކޮށް އަނިޔާކުރީ ކޮން މައްސަލައެއްގައި ކަމެއް އަދި އަނިޔާކުރީ ކޮން ބައެއްކަންވެސް އާއިލާއަށް އަދި ނޭނގޭ ކަމަށެވެ.

އެހެން ނަމަވެސް ލެޔާ ތަތްތެޅިފައި ވަނިކޮށް އަހްމަދު ނަގައިގެން ގެއަށް ގެނައި އިރު ހޭ ހުރި ކަމަށާއި، އެވަގުތު ފުލުހުން ގާތުގައި އޭނާއަށް އަނިޔާކުރި އެކަކު ދަންނަ ކަމަށް ބުނި ކަމަށް އިބްރާހިމް ބުންޏެވެ.