ރާއްޖޭގައި މިހާރު އޮތް ކޮވިޑްގެ ހަތަރު ވަނަ ރާޅުގައި ކުޑަކުދިން ވަރަށް ބޮޑަށްބަލިވަމުން އަންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންގެ އަދަދު ވެސް ނިސްބަތުން ގިނަ އެވެ.

ރާއްޖެއިން ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް އުމުރުން 10 އަހަރުގެ 52 ކުދިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އުމުރުން 10 އަހަރުން ދަށުގެ 5،131 ކުދިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ޑރ. ފައިސަލް މިއަދު ވިދާޅުވީ މި ފަހަރުގެ ކޮވިޑު ރާޅުގައި ކުޑަކުދިން ވެސް "ވަރަށް ވަރަށް" ބަލިވާންފަށާފައިވާ ކަމަށެވެ.

ހާއްސަކޮށް ދިފާއީ ނިޒާމު ބަލިކަށި ކުދިންނާއި އުފެދުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ކުދިންނާއި އެނދުމަތި ވެފައި ތިބޭ ކުދިން އަދި ބަރުދަން މާ މަތި ކުދިން ވަރަށް ބަލިވާން ފަށާފައިވާ ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޑޮކްޓަރު މިފަދައިން ވިދާޅުވެފައި ވާއިރު، ރޭ ވަނީ ކޮވިޑް ޖެހިގެން 10 އަހަރުގެ ކުޑަ ކުއްޖަކު މަރުވެފަ އެވެ. މިއީ މި ބަލީގައި ރާއްޖެއިން ކުޑަކުއްޖަކު މަރުވި ފުރަތަމަ ފަހަރެވެ.

ރޭ ކުއްޖަކު މަރުވި އިރު، އުމުރުން ހަތް އަހަރުގެ ކުއްޖަކަށް ކޮވިޑް ޖެހި ހާލު ގޯސްވެގެން ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ކިޑްނީ ބައްޔަށް ބޭސްކުރާ ކުއްޖެކެވެ.

ކުޑަކުދިންނަކީ ވެކްސިން ޖަހަން ޝަރުތު ހަމަވާ ބަޔަކަށް ނުވާތީ އެ އުމުރުފުރަޔަށް ބަލީގެ ނުރައްކާ އަދި ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެގެންދެ އެވެ.

އެޗްޕީއޭ އިން ވަނީ ބައްޔަށް ހުށަހެޅުމުގެ ނުރައްކާ ކުޑަ ކުރުމުގެ ގޮތުން ކުޑަކުދިން ގެއިން ބޭރަށް ނެރޭ މިންވަރު މަދުކުރުމަށް އިލްތިމާސްކޮށްފަ އެވެ.