02 Jun 2021, 23:51
ކޮވިޑް19 މެނޭޖުކުރުމުގައި މިހާތަނަށް ހިނގާފައިވާ އިހުމާލުގެ ސަބަބުން މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމެއް ނުވަތަ ނޫން ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ހޮސްޕިޓަލަށް ނުގެންދެވި ގިނަ އިރު ވުމުގެ ސަބަބުން، 10 އަހަރުގެ ކުއްޖަކު ނިޔާވި މައްސަލާގައި ގިނަ ބަޔަކު އަންނަނީ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިން ވެސް އަންނަނީ މިނިސްޓަރު އިސްއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ގަބޫލުކުރައްވަންތޯ ސުވާލު ކުރަމުންނެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަމިއްލައަށް އިހުމާލުވެފައިވޭތޯ ބައްލަވާނެ ކަމަށެވެ. އަދި އިސްތިއުފާ އާމެދު ގޮތެއް ނިންމަވާނީ އޭގެ ނަތީޖާ އަންނަ ގޮތަކުން ކަމަށެވެ.
"އަޅުގަނޑު މިކަންތައްތައް ބަލަމުން މި ގެންދަނީ. ބަލާފާ އޭގެ ރިޕޯޓުތަކަށް ބަލާފައި، އޭގާ އަޅުގަނޑުގެ ސީދާ އިހުމާލެއް އުޅޭތޯ ވެސް އަޅުގަނޑު ބަލާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މިރޭ ވިދާޅުވީ މީގެ ކުރިން އިހުމާލުގެ ސަބަބުން މަރުވި ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުގައި ވެފައި ހުރި ގޮތެއް ވެސް ބައްލަވާނެ ކަމަށެވެ. އަދި އެކަންކަން "އަތްފޯރާ" ހިސާބެއްގައި ހުރި ކަމަށް ވާނަމަ ސާފުކޮށްދެއްވާނެ ކަމަށެވެ.
މިނިސްޓަރު މަގާމުގައި ހުންނަވައިގެން އަދި އަމިއްލަފުޅަށް އިހުމާލު އޮތްތޯ ނުވަތަ ނޫންތޯ ބައްލަވާނީ ކިހިނެއްތޯ ކުރި ސުވާލުތަކަށް މިނިސްޓަރު ވިދާޅުވީ އަމިއްލަފުޅަށް ވެސް އެކަންކަން ބެއްލެވޭނެ ކަމަށެވެ. އަދި އޭނާއަކީ މަކަރު ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މައްސަލަ ބެލުމަށްފަހު، މިނިސްޓަރުގެ އިހުމާލެއް ވާނަމަ، މަގާމުން އިސްތިއުފާ ދެއްވާނަންތޯ ވެސް މިރޭ ނޫސްވެރިން ސުވާލުކުރި އެވެ. ނަމަވެސް އެ ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ އެ ނިންމުން ނިންމާނީ އިހުމާލެއް ވޭތޯ ބެލުމަށްފަހު، އޭގެ ނަތީޖާ އަންނަ ގޮތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެހެން ނަމަވެސް ކަންކަން ލަސްވުމުގައި ހެލްތު މިނިސްޓްރީގެ އިހުމާލެއް އޮތް ކަމަށް ތަކުރާރުކޮށް އެއްބަސްވެވަޑައިގެންނެވި އެވެ. މިނިސްޓަރު ވިދާޅުވީ، އިހުމާލުވާ ފަރާތްތައް ރަނގަޅަށް ބެލުމަށް ފަހުގައި ނޫނީ ފިޔަވަޅު ނާޅުއްވާނެ ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭ ކަމެއް އަދި. އެއީ އަޅުގަނޑުގެ އިހުމާލެއް މީގެ ތެރޭގައި އޮތީ ކޮން ހިސާބަކުންތޯ ވެސް އެނގެން ޖެހޭނެ ނޫންތޯ؟" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސިވިލް ސާވިސްގެ ގާތްގަނޑަކަށް 22 ޕަސެންޓު މުވައްޒަފުން މަސައްކަތް ކުރަނީ ހެލްތު މިނިސްޓްރީގައި ކަމަށާއި، ހެލްތު މިނިސްޓްރީގެ އިމާރާތުގައި އެކަނި ވެސް 480 އެތައް މީހުން މަސައްކަތް ކުރާ ކަމަށެވެ.
"އެހެނވީމަ އެ ހުރިހާ އެންމެންގެ ފަރާތުން ވީ ކަމެއްގައި، ހަމައެކަނި އަޅުގަނޑުތޯ ޒިންމާ ނަގަންޖެހެނީ އެވެސް އަޅުގަނޑު އަމިއްލައަށް ކުރަންޖެހޭ ުސުވާލެއް،"
މިނިސްޓަރު ވިދާޅުވީ ކަންތައްތައް ކުރުމަށް މީހުންނާ ހަވާލުކޮށްފައި ނުވާނަމަ އެއީ މިނިސްޓަރުގެ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. އަދި ކަންތައްތައް ހިނގާ ގޮތް ބަލައިގެން، ކަމެއް ދިމާވުމުން އެކަމެއް ރަނގަޅު ކުރަން އިސްލާހު ނުގެންނަ ނަމަ އެއީ މިނިސްޓަރުގެ އިހުމާލެއް ކަމަށެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ ކުޑަ ކުއްޖާގެ މަރާ ގުޅިގެން ވެސް ވަގުތުން ތަހުގީގު ފަށާފައިވާ ކަމަށެވެ.
ކޮވިޑް19 ގައި ރޭ މަރުވި، ފާތިމަތު މިޝްކާ މުހައްމަދު (10)ގެ ކޭސްގައި އިހުމާލު އޮތް ކަމަށް މިނިސްޓަރު މިރޭ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެކަމުގެ ތަހުގީގުކުރަމުން އަންނަ ކަމަށާއި، މިރޭގެ ނިޔަލަށް ތަހުގީގު ނިމޭނެ ކަމަށެވެ. ތަހުގީގު ނިންމައި އަޅާ ފިޔަވަޅެއް އާންމު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.