05 Jun 2021, 21:10
ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލަ އާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި މީގެކުރިން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.މެއި 29 ވަނަ ދުވަހުގެރޭ މީހަކަށް އަނިޔާކުރި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން މިއަދު 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް ވަނީ އަނިޔާކޮށްފަ އެވެ. އަނިޔާކޮށްފައި ވަނީ އެރަށު ރަތްފުސްގެ، އަހްމަދު އިބްރާހީމް އަށެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭއެޅިފަ އެވެ.
ފުލުހުން ވަނީ އަހްމަދު އިބްރާހީމް އެރުވި ކާރު ކަމަށް ބެލެވޭ ކާރެއްވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އާއިލާގެ ފަރާތުން މީގެކުރިން "ސަން" އަށް ބުނެފައި ވަނީ، އަހްމަދު އިބްރާހީމް އަށް އަނިޔާކުރީ އަށް މީހަކު ކަމަށާއި، އޭގެ ތެރެއިން އެކަކު ދަންނަ ކަމަށް ފުލުހުން ގާތު އޭނާ ބުނި ކަމަށެވެ.