16 Jun 2021, 18:30
ބްލެކްމެއިލްކޮށްގެން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލ ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
ހަމަ އެދުވަހު، ތުހުމަތު ކުރެވޭ ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޮފިޝަލް ވިދާޅުވީ ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހީންނެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
އެ މައްސަލައިގައި އެ ތިން މީހުންނަށް ވެސް ޖިންސީ ގޯނާ އާއި ބިރުދެއްކުމާއި މާރާމާރީގެ ތުހުމަތު ކުރެވެ އެވެ. ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިންނެވެ. އަދި ތިން މީހުންގެ ވެސް ކުށުގެ ރެކޯޑު ގިނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.