ކޮވިޑް19ގެ ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން ބ. އޭދަފުށީގައި އިއުލާންކުރި ކާފިއު އުވާލައިފި އެވެ.

ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން އަތޮޅުގެ ވެރިކަން ކުރާ އޭދަފުށި މޮނިޓަރިންއަށް ލީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރަށުގައި ކާފިއު ހިންގަން ފެށީ މެއި 10 ގައެވެ.

ނަމަވެސް މިހާރު ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައިވާތީ، ރައްޔިތުންނަށް ލުއި ދިނުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން އެރަށުގައި ހިންގަމުން އައި ކާފިއު މި މަހުގެ 24 ވަނަ ދުވަހު ވަނީ އުވާލައިފަ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކާފިއު އުވާލި ނަމަވެސް، ރަށް މޮނިޓަރިންގެ ހާލަތުން ނެގޭނެ ހާލަތަށް އަދި ރުޖޫއަ ނުވާ ކަމަށެވެ. އެހެންކަމުން މޮނިޓަރިންގެ ހާލަތުގައި އޮތުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ދެމި އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އޭދަފުށީގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެރަށުން 300 އަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވި އެވެ. ނަމަވެސް މިވަގުތު އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 24 މީހެކެވެ.

އޭދަފުށީގައި ހިންގަމުން ދިޔަ ކާފިއު އުވާލި އިރު، ފާއިތުވި ހަތަރު ދުވަހު ވެސް އެރަށުން ކޮވިޑްގެ އާ ކޭހެއް ފެނިފައެއް ނުވެ އެވެ.