29 Jun 2021, 14:11
ޕާކިސްތާނުން ޖެންޑާ މިނިސްޓްރީގެ "ގެވެށި ގުޅުން" ކެމްޕޭނަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިސާގެ އެހީ ދީފިއެވެ.
މި ހިލޭ އެހީ ހަވާލުކުރީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ރިޓަޔާޑް ވައިސް އެޑްމިރަލް އަތުހަރު މުޙްތާރު އެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން އެހީއާއި ހަވާލުވެލެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. ޕާކިސްތާނުން ދޭ އެހީގެ ގޮތުގައި ގެވެށި ގުޅުން ޕްރޮޖެކްޓަށް ޖުމްލަ 2،972،205 މިލިއަން ވަނީ ހަދިޔާކޮށްފައެވެ.
މި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ މަލެޓިލެޓަރަލް ޑރ. ހާލާ ހަމީދް އަދި ޕާކިސްތާނު އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގުރުނައިން އަހުމަދުގެ އިތުރުން ސަރުކާރާއި ހައި ކޮމިޝަނުގެ އިސް އެހެން އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ގެވެށި ގުޅުން ޕްރޮޖެކްޓްގެ ހިންގުން އެދެވޭ ގޮތެއްގައި ވިލަރެސްކުރުމަށްޓަކައި ޖޮއިންޓް މޮނިޓަރިން މެކޭނިޒަމް އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.
ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ޕާކިސްތާނުން ގެވެށި ގުޅުން ޕްރޮޖެކްޓަށް ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށްޓަކައި ޝުކުރުއަދާކޮށްފައެވެ. އަދި މި އެހީއަކީ ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެމެދުގައި އޮންނަ ގާތްގުޅުން ރަމްޒުކޮށްދޭ އެހީއެއްކަމަށްވެސް މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.
ގެވެށި ގުޅުން ޕްރޮޖެކްޓްގެ ސަބަބުން ކޮވިޑް-19 ގެ ތެރޭގައި އިތުރުވެފައިވާ ގެވެށި އަނިޔާގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކޮށް އެފަދަ މައްސަލަތައް މަދުކުރަން ފަސޭހަވެގެންދާނެކަމަށް މިނިސްޓަރު މި ރަސްމިއްޔާތުގައި ވިދާޅުވިއެވެ.

ޕާކިސްތާނުން ޖެންޑާ މިނިސްޓރީގެ ގެވެށި ގުޅުން ޕްރޮޖެކްޓަށް ދޭ ހިލޭ އެހީ ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. --
ހައި ކޮމިޝަނަރު އަތުހަރު މުހުތަރު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ގެވެށި ގުޅުން ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގައި ގެވެށި އަަނިޔާއާއި ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް މިފަދަ މައްސަލަތަކުގައި ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަވެގެންދާނެއެވެ.
އަދި ރާއްޖެއިން މިފަހުން އަންހެނުންގެ ހައިސިއްޔަތު މުޖުތަމައުގައި އުފުލުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިކަމަށާއި މިހާރު ރާއްޖޭގައި ތައުލީމީ ރޮގުން ޖިންސީ ތަފާތުކުރުންތަކުގެ މައްސަލަތައް ނުފެންނަކަމަށާއި އެހެން ރޮނގުތަކުންވެސް ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށް ހައިކޮމިޝަނަރު ވިދާޅުވިއެވެ.
ގެވެށި ގުޅުން ޕްރޮޖެކްޓް އެންމެ އެދެވޭ ގޮތަށް ތަންފީޒުކޮށްގެން ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އިންތިހާޔަށް މަދުކުރެވޭނެކަމަށްވެސް ހައި ކޮމިޝަނަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައި ކޮމިޝަނަރު މުހްތާރު ވަނީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދުގައި އޮންނަ ޒަމާންވީ ގާތް އެކުވެރި ގުޅުން އަދި ދެ ގައުމުގެ ދެމެދުގައި ދީނީ އަދި ސަގާފީ ގޮތުން ހުރި އެއްގޮތްކަމާއި ދެގައުމުގެ ދެމެދުގައިވާ ފުރިހަމަ އިތުބާރާއި އިހްތިރާމް އޮންނަކަން ފާހަގަކުރައްވާފައެވެ. އަދި މިއަހަރަކީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 55 އަހަރު ފުރޭ އަހަރުކަންވެސް ފާހަގަކުރައްވަމުން ހައިކޮމިޝަނަރު ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި ބައިނަލްއަގްވާމީ ގޮތުންނާއި ބައިލެޓަރަލް ގޮތުން މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ވާހަކަ ދައްކަވާފައެވެ.