30 Jun 2021, 16:48
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ 2021 ދެވަނަ ޓާމް ކޯސްތަކަށް ވަނުމުގެ ފުރުސަތު އޯގަސްޓް މަހާ ހަމައަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.
އޯގަސްޓްގައި ފެށުމަށް ހަމަޖެހިފައިވާ، ޔުނިވާސިޓީގެ ދެވަނަ ޓާމް ކޯސްތަކަށް އެޕްލައި ކުރުމަށް ހަމަޖެހިފައިވަނީ ޔުނިވާސިޓީގެ އޮންލައިން ޕޯޓަލް portal.mnu.edu.mv މެދުވެރިކޮށެވެ. މިގޮތުން ޔުނިވާސިޓީގެ ކޯސްތަކަށް އެދުމުގެ ފުރުސަތު 30 މެއި 2021 އިން ފެށިގެން 5 އޯގަސްޓް 2021 އާ ހަމައަށް ހުޅުވާލެވިފައި ވެއެވެ.
ތަފާތު ދާއިރާތަކަށް 100 އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ވާއިރު، ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ޔުނިވާސިޓީގެވެބްސައިޓުންލިބެން ހުންނާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމްއެންޔޫއިން ހުޅުވާލާ ސްކޮލަޝިޕްގެ ފުރުސަތުތައް
މި އަހަރުގެ ދެވަނަ އިންޓޭކަށް އަލަށް ކުރިމަތިލައި އަލަށް އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓު ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުސަތުތަކެއް ވަނީ އިއުލާނުކޮށްފައެވެ.
އޭގެ ތެރޭގައި
އަންޑަގްރެޖުއޭޓް 18 ދަރިވަރަކާއި ޕޯސްޓްގްރެޖުއޭޓް ދެ ދަރިވަރަކަށް ޔުނިވާސިޓީން ކޯސް ފީ ދައްކައިދޭ ސްކޮލަޝިޕްގެ ޖުމްލަ 20 ފުރުސަތު
- އަންޑަގްރެޖުއޭޓް ފުލް ސްކޮލަޝިޕްގެ ދެ ފުރުސަތު
- ޕޯސްޓްގްރެޖުއޭޓް ފުލް ސްކޮލަޝިޕްގެ ދެ ފުރުސަތު
ގައުމު ބިނާކުރުމަށް ޔުނިވާސިޓީން ދޭ ހާއްސަ ސްކޮލަޝިޕް
މި އިންޓޭކާ ދިމާކޮށްވެސް އެމްއެންޔޫއިން ވަނީ ގިނަ ސްކޮލަޝިޕް ފުރުސަތުތަކެއް އިއުލާނުކޮށްފައެވެ. އެގޮތުން ގައުމު ބިނާކުރުމަށް ދޭ ހާއްސަ ސްކޮލަޝިޕަށް ދެ ދާއިރާއަކުން މި އިންޓޭކުގައި ސްކޮލަޝިޕް ލިބޭނެއެވެ. އެއީ އެއީ ބެޗްލަރ އޮފް ޕްރައިމަރީ އެޑިއުކޭޝަން އާއި ނޯޓިކަލް ސްޓަޑީޒް/ ސެޓްފިކެޓް 3 އިން މެރިޓައިމް ސްޓަޑީޒް އެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި ބެޗެލާ އޮފް ޕްރައިމަރީ އެޑިއުކޭޝަނުން ދެނީ އެމްއެންޔޫއިން ސްޕޮންސާކުރާ 15 ފުރުސަތާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ފަންޑުން ސްޕޮންސާކުރާ 15 ފުރުސަތު ހިމެނޭހެން 30 ފުރުސަތާއި, ނޯޓިކަލް ސްޓަޑީޒްއިން ހަ ފުރުސަތު މި އިންޓޭކުގައި ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޔޫ އިން ބުނީ ސްކޮލާޝިޕްގެ މައިގަނޑު މަގުސަދަކީ މި ވަގުތަށް ގައުމަށް ބޭނުންވާ ކޯސްތަކަށް އިއުލާނުކުރުމުން އެދާއިރާއަކަށް ދަރިވަރުން ނުލިބޭ ހާއްސަ ދާއިރާތަކުން މީހުން ބިނާ ކުރުން ކަމަށެވެ.
ސްކޮލަޝިޕްގައި ކިޔަވާ ކޯހުގެ ޓިއުޝަން ފީ އާއި ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 5,000 ރުފިޔާ، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާމަކު 5,000 ރުފިޔާ އަދި ސްކޮލާޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި 5,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ސްކޮލާޝިޕްތަކަށް އެދި ހުށަހަޅާނީއޮންލައިންކޮށެވެ. ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފަހު ތާރީހަކީ 9 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށެވެ.