ފުވައްމުލަށް ސިޓީގައި ދޮންދަރިއަކާ ބެހިގެން އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނަކު 32 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް އައްޑޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަދި ތަރުމާން އަހްމަދު ޝަފީއު ވިދާޅުވީ މި މައްސަލަ ފުވައްމުލައް ސިޓީގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކަމަށެވެ.

"މި މައްސަލައަކީ މީހަކު އޭނާގެ ދޮންދަރިއަކާ ބެހުނު މައްސަލަ. ދެން މި މައްސަލައިގަ އަޅުގަނޑުމެން ކޮށްފަ އެބައިން ޖުމްލަ ހަތަރު ދައުވާއެއް،"

"އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ތިން ދައުވާ. ދެން ގާނޫނުލްއުގޫބާތުގެ ދަށުން އެއް ދައުވާ. އެއީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ،" ޝަފީއު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ހާދިސާ ހިނގައިދިޔައީ 2019 ވަނަ އަހަރުގެ މޭ އަދި 2020 ވަނަ އަހަރުގެ ޖުލައި މަސްތެރޭގައިކަމަށެވެ. މައްސަލަ ސާބިތުވެ ހުކުމްކޮށްފައިވަނީ މިދިޔަ މަސްތެރޭގައިކަމަށެވެ.

ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ ހުރިހާ ދައުވާ ތަކެއްވެސް ސާބިތުވާ ކަމަށެވެ.