ޖިންސީ ގޯނާގެ މައްސަލަތަކުގައި ސަރުކާރުގެ އިހުމާލު ބޮޑު ކަމަށާއި އަނިޔާ ލިބޭ ފަރާތްތަކަށް ހިމާޔަތް ދިނުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޖިންސީ ގޯނާއާއި ރޭޕްކުރުން އިތުރުވަމުން ދާތީ އާދަަމް ޝަރީފު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ އޭޕްރީމް މަހުއެވެ.

އެ ގަރާރަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން މެމްބަރު ވިދާޅުވީ ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލަ ތަކުގައި އަނިޔާދޭ މީހާ ނުވަތަ ކުށްކުރާ މީހާ ނިޒާމުގެ ތެރެއިން ގިނަ ފަހަރަށް ދޫވެގެންދާ ކަމަށެވެ.

ނިޒާމުގެ ތެރެއިން އެފަދަ ފަރާތްތައް އަނެއްކާވެސް މުޖްތަމައަށް ދޫވިޔަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރު އައި ފަހުންވެސް އެފަަދަ އެތައް މައްސަލަތަކެއް ހިނގާފައިވާ ކަމަށާއި، ޖިންސީ ގޯނާގެ މައްސަލަތަކުގައި ސަރުކާރުގެ އިހުމާލު ބޮޑު ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ މައްސަލަތަކުގެ ތެރެއިން ފެންނަނީ ސަރުކާރުން އެއްވެސް ވަރަކަށް މިއިން ކަމަކާ ސީރިއަސް ނުވެ އަޅާލަންޖެހޭ އަޅައިލުން ނެތި އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމެއް ނެތި ވަރަށް ފަސޭހައިން ކުށްކުރާ މީހާ، އޭނައަށް މިނިވަންކަމާ އެކީގަ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން، ދައުލަތުގެ ހުރިހާ އިނާޔަތްތަކެއް ބޭނުންކޮށްގެން، ވަރަށް ހަމަޖެހިގެން ދިރިއުޅެމުންދާ މަންޒަރު." އާދަމް ޝަރީފް ވިދާޅުވިއެވެ.

އަނިޔާ ލިބުނު ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތުގައި އިންސާފު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގައި މަޖިލީހަށް މައްސަލަތައް ހުށަހެޅި، ކޮމިޓީގައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ސަރުކާރުގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވާ ނަތީޖާތައް ފެންނަމުން ނުދާކަމަށްވެސް އާދަމް ޝަރީފު އިތުރަށް ވިދާޅުވިއެވެ.