ހަރުކަށި ފިކުރަކީ ހަމައެކަނި ދީނީ ހަރުކަށި ފިކުރު ނޫން ކަމަށާއި މީހުން ރުޅިއަރުވައި ނަފުރަތު އުފައްދަން ދައްކާ ވާހަކަ ތަކަކީވެސް ވަކީން ބިރުވެރިކަން ކުޑަ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ޓެރަރިޒަމް މާނަ ކުރުމުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ލީޑަރު ވިދާޅުވީ ޓެރަރިޒަމަކީ އުފައްދާ އެއްޗެއް ނޫން ކަމަށާއި އެއީ އިންސާނުންގެ އަމަލް ތަކުގެ ސަބަބުން އުފެދޭ އެއްޗެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދުނިޔޭގައި ޓެރަރިޒަމް ފެށިގެން އައީ އަނބިދަރިންނާއި އާއިލާ ކުރިމަތީ އަނިޔާވެރި އަމަލުތައް ހިންގުން އާއްމު ވުމާ ގުޅިގެން ކަމަށެވެ.

"ދުނިޔޭގަ ޓެރެރިޒަމް ފެށިގެން އައީ އެއްބައެއް އަނެއް ބައެއްގެ ކުރިމަތީގަ އެބައިމީހުންގެ ދަރިންނާއި އަނބިންނާއި ފިރިންނާއި އާއިލާގެ އެންމެން ކުރިމަތީގަ ގަތުލު ކުރުމާއި އަނިޔާވެރި އަމަލުތައް ހައްދުފަހަނަ އަޅާ ދާތީ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރުޅި އަންނަ ޒާތުގެ ވާހަކަ ދައްކައިގެން މީހުންގެ ހިތުގައި އަނެކާގެ މައްޗަށް ރުޅިވެރިކަން އުފައްދަން ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ މެމްބަރުން މަސައްކަތް ކުރައްވާކަމީ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ކަމެއް ކަމަށެވެ. ހާއްސަ ގޮތެއްގައި ސިޔާސީ ޕާޓީ ތަކުގެ ލީޑަރުން މިފަދަ ކަންކަން ކުރައްވާކަމީ ފެންނާން އޮތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރައްޔިތުންނަށް ހެޔޮމަގު ދައްކަން ތިބޭ ލީޑަރުންނާއި މަޖިލީސް މެމްބަރުންވެސް މިފަދަ ކަންކަމަށް ވިސްނާ، މީހުން ރުޅި ނާންނާގެ ގޮތަކަށް ވާހަކަތައް ބައްޓަން ކުރުމަކީ މަޖިލީހުގެ ކޮންމެ މެމްބަރެއްގެ މައްޗަށް ލާޒިމުވާ ކަމެއް ކަމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި ހުންނަ މިފަދަ ނޭދެވޭ ކަަންކަމުން ދުރުވެ، ރާއްޖޭގެ ރައްޔިތުންނަކީ އެކަކު އަނެކަކު ދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިރިއުޅެން ދަސްކުރަން އެބަ ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.