14 Jul 2021, 16:29
އިންޑިއާގެ ހިލޭ އެހީގެ ދަށުން ހޯދި އުޅަނދުތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އަށް ހަދިޔާކޮށްފިއެވެ.
މި އުޅަނދުތައް ހަދިޔާކޮށްފައިވަނީ މިކަމަށް ހާއްސަކޮށް މިއަދު ބޭއްވި ހާއްސަ ވާޗުއަލް ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެމްސީއެސް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އިންޑިއަން ހައިކޮމިޝަންގެ އިސްވެރިން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އިންޑިއާއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވެހިކަލްތަކެއް ހަދިޔާކުރަން މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތު -- ފޮޓޯ/ ކަރެކްޝަންސް
އެމްސީއެސްއިން ބުނީ މަސައްކަތް ފުރިހަމަ ގޮތުގައި ކުރުމަށް އަދި ދަތުރުފަތުރުކުރުމަށް އެ ސާވިސްއަސް ދަތިތަކެއް ދިމާވެފައިވާކަމަށެވެ. އަދި އެ ދަތިތަކުން އަރައިގަތުމަށް، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމަށް 8 މިލިއަން ރުފިޔާ ހަމަޖައްސާފައިވާކަމަށްވެސް ވަނީ ބުނެފައެވެ.
މި މަސައްކަތުގެ ފުރަތަމަ ބައިގެ ދަށުން ހަތަރު އެއްގަމު އުޅަނދު މިހާރު ވަނީ ހޯދާފައެވެ. އަދި ސްޕީޑް ބޯޓެއް ހޯދުމުގެ މަސައްކަތްވެސް މިހާރުކުރަމުން އަންނަ ކަމަށް އެމްސީއެސްއިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ، ކުށްވެރިން އަލުން އަނބުރާ މުޖްތަމައަށް ނެރެދިނުމަށް އެ ސާވިސްއިން ކުރަމުންދާ މުހިއްމު މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެ މުއައްސަސާގެ ގާބިލްކަން އިތުރުކުރުމަކީ މުހިއްމު ކަމެއްކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓަކީ 2019 ވަނަ އަހަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއުލާންކުރެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދެވުނު ޕްރޮޖެކްޓެކެވެ.