15 Jul 2021, 15:40
ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އާ ހާބަރުގެ ބޭސިން ފުންކުރުމުގެ 99 ޕަސެންޓް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމެޕެނީ ( އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އިއްޔެ ފަށާފައިވަނީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫގެ ދަށުން ބޭރު ތޮށިލުމުގެ މަސައްކަތްކަމަށެވެ.
މި މަޝްރޫގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުން ހިމެނެއެވެ.
މީގެ އިތުރުން 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް މި މަޝްރޫގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއަކީ 57.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.