15 Jul 2021, 15:59
ސްރީލަންކާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރު ރޯހަނަ ބެއްދަގޭ މިއަދު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ސަފީރު ކަމާ ހަވާލުވެވަޑައިގެންނެވި ބެއްދަގޭ މިނިސްޓަރު ޝާހިދާ ބައްދަލު ކުރެއްވުމަށް ފަހު، ރާއްޖޭގެ ސަރުކާރާއި ރައްޔިތުން އޭނާއަށް ފޯރުކޮށްދިން އެހީތެރިކަމާއި މެހުމާންދާރީއަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ލަންކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ބެއްދަގޭ ކޮއްދެއްވި މަސައްކަތްތަކަށް ޝާހިދު ޝުކުރު އަދާ ކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ޝާހިދުގެ އިތުރުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް އާއި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު އަދި އެ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ފާތުމަތު ގީނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ބެއްދަގޭއަކީ ސްރީލަންކާގެ ތަޖުރިބާކާރު ޕްރޮފެޝަނަލް މިއުޒިޝަނެއްގެ އިތުރުން ފިލްމީތަރިއެކެވެ. އަދި އޭނާ ވަނީ އެތައް އަހަރެއް ވަންދެން ސްރީލަންކާގައި ސަގާފީ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކޮށްފައެވެ.
ސްރީލަންކާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޯހަނަ ބެއްދަގޭއަކީ މިދިޔަ އަހަރު އެގައުމުގައި އޮތް ރިޔާސީ އިންތިހާބުގައި މިހާރު ވެރިކަންކުރާ ޕޮޑުޖަނަ ޕާޓީއަށް ތާއީދުކުރި ފަންނާނުންތަކެއްގެ ތެރެއިން އެކަކެވެ. އަދި މީގެ ކުރިން ސަރުކާރުގެ އެއްވެސް މަގާމެއް އޭނާ އަދާކުރައްވާފައިވާކަން އެނގިފައެއް ނުވެއެވެ.