ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 10،000 އަށްވުރެ ގިނަ ބަނގުއާވި ދަޅާއި 400 އަށްވުރެ ގިނަ އޫރުމަސް ކޭސް ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހާއި 13 ވަނަ ދުވަހު ތިލަފުށީގެ ކުނި ނައްތާލާ ސަހަރައްދުގައެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި ނައްތާލި ތަކެތީގެ ތެރޭގައި ޖުމްލަ 300 ބަނގުއާވި ކެގާއި، 10،860 ބަނގުއާވި ދަޅު އަދި 458 އޫރުމަސް ކޭސް ހިމެނެއެވެ. ނައްތާލި އޫރުމަހުގެ ބަރުދަނުގައި ޖުމްލަ 6،644.81 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ބޮންޑަޑް ވެއާހައުސްތަކުގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން އަދި އެނޫންވެސް އެހެން ސަބަބަކާހުރެ ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެތިކަމަށް ކަސްޓަމްސްއިން ބުންޏެވެ.