21 Jul 2021, 22:45
ދިވެހީންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށް ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ރާއްޖެ އާދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ދިވެހީންނަށާއި ވޯކްޕާމިޓް ހޯލްޑަރުންނަށް، 72 ގަޑިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާ އަކާއެކު ރާއްޖެ އާދެވޭނެ ކަމަށެވެ.
އަދި ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ ފަރާތްތަކުގެ ތެރެއިން 60 ދުވަސް ނުވާ މީހުނާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތައް ކަރަންޓީންވާން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ފަސްދޮޅަސް ދުވަސް ގުނަން ފަށާނީ ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކާއި ކޮވިޑްޖެހި، ބަލިން ރަނގަޅުވެފައިވާ ފަރާތްތަކާއެކު ދަތުރުކުރާ ކުޑަކުދިން ކަރަންޓީންވާން ނުޖެހުނު ނަމަވެސް ޕީސީއާރް ޓެސްޓް ހަދައި ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުންނާއި ކޮވިޑްޖެހި 60 ދުވަސް ނުވާ މީހުން 14 ދުވަސް ކަރަންޓީން ވާން ޖެހޭނެ އެވެ.