ރާއްޖޭގެ މިނިވަންކަން އެކިއެކި ނަންނަމުގައި ގެއްލިގެންދާ މަންޒަރު ފެންނަމުންދާ ކަމަށާއި އެހެންކަމުން މި ގައުމު ސަލާމަތުގެ އައްސޭރި އަކަށް ގެންދަން ބޭނުންވާ ކޮންމެ ރައްޔިތަކުވެސް ޕީޕީއެމުން ފެށި ގައުމީ މަސައްކަތުގައި ބައިވެރިވުމަށް މާލެ ސިޓީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ޕީޕީއެމުން އިފްތިތާހުކުރި ގައުމީ ހަރަކާތަށްފަހު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއީ އަޅުގަނޑުމެންގެ ސިޔާސީ ފިކުރު އެއްފަރާތް ކުރުމަށްފަހު ގައުމުގެ ހާލަތާމެދު ވިސްނަން ޖެހޭ ވަގުތު ކަމަށެވެ.

އޭނާ ވިދާޅުވީ ކަންކަން ނިންމުމުގެ ބާރު ރައްޔިތުންގެ އަތުން ބީވެ ހިނގައްޖެ ކަމަށެވެ. ގައުމުގެ ހާލަތާއިމެދު ވިސްނާ ފިކުރު ހިންގާ ކޮންމެ ރައްޔިތަކަށްވެސް އެއީ ތެދެއްކަން އެނގިގެން ދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގުޅުން ބާއްވަންވީ ކޮން ގައުމުކާތޯ؟ ގުޅުން ގާއިމު ނުކުރަންވީ ކޮން ބަޔަކާތޯ؟ މަޝްރޫއުތައް ނިންމަންވީ ކޮން ތަނަކުން ލޯނު ނަގައިގެންތޯ؟ ގައުމުގެ ކަންކަން ނިންމުމުގަ އަޑުއަހަންވީ ކޮން ގައުމެއްގެ އަޑެއްތޯ، މިހާރު ނިންމަން މަޖުބޫރު ވެފަ މިވަނީ އަޅުގަނޑުމެން އަމިއްލައަށްތޯ؟ ނޫނީ އަޅުގަނޑުމެންގެ އަތް ދަށުން އެކަން ބީވެގެން ހިނގައްޖެތޯ؟،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވަގުތު ފާއިތުވެގެން ގޮސް ގައުމުގެ މިނިވަންކަން އަތުން ބީވެގެން ދިއުމުގެ ކުރިން ލޯ ހުޅުވާ، ގައުމު ދެކެ ލޯބިވާ ބައެއްކަން ސާބިތު ކޮށްދޭން އެބަ ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ސޮއި ކުރަމުން އަންނަ، ގޮތް ނޭނގޭ ބައެއް އެގްރިމެންޓް ތަކުގެ ސަބަބުން ޒަމާނުންސުރެ ދިވެހިން ދެކެމުން މި އަންނަ ގައުމުގެ މިނިވަންކަން ގެއްލޭ މަންޒަރު ފެންނަން ފަށައިފި ކަމަށެވެ.

"ބްރިޖެއް އެޅުމުގެ ނަމުގަ ވިޔަސް އުތުރުތިލަފަޅުގެ ނަމުގަ ވިޔަސް ޕޯޓެއް އެޅުމުގެ ނަމުގަ ވިޔަސް ދުރަށް ބަލައިނަމަ ހަނިމާދޫ އެއާޕޯޓު ހެދުމުގެ ނަމުގަ ވިޔަސް އައްޑޫ ގަމުގަ ޕޮލިސް އެކަޑަމީ ހިންގުން ކަމުގަ ވިޔަސް މީގެން ކޮންމެ މަޝްރޫއެއްގެ ތެރެއިން ފެންނަން އޮތީ އެންމެ ކަމެއް. އަޅާނުލާ ތިބެއްޖެ ނަމަ ގައުމުގެ މިނިވަންކަން ގެއްލޭ މަންޒަރު ފެންނަނީ،" މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިހާރު ހިނގަމުން މި އަންނަ ކަންކަމާ މެދު އަޅާނުލާ ތިބެއްޖެ ނަމަ އަމިއްލަ އަތުން އެ ހަލާކު ކޮށްލެވެނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ކަމަށެވެ.

"އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަށް ޓަކައި އަޅުގަނޑުމެންގެ ވާޖިބު އަދާ ކުރުންތޯ ނޫނީ ނޫންތޯ މިއަދު އަޅުގަނޑުމެން ނިންމަން އެބަޖެހޭ. މިއީ ސަމާސާ އާދައިގެ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ޒިންމާ މިއަދު އަޅުގަނޑުމެން އަދާ ކުރަން އެބަޖެހޭ. އެހެން ނޫން ނަމަ ކަރުނަ އަޅާ ރޯނީ އަޅުގަނޑުމެންގެ ދަރިން،" މޭޔަރު ވިދާޅުވިއެވެ.