ހއ. އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 50 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫގެ ދަށުން ކުރީގެ ބަނދަރުގެ ޕޭވްމަންޓްގެ ކާސްޓިން މަސައްކަތް މި މަހުގެ ދެ ވަނަ ދުވަހު ފެށިފައިވާކަމަށެވެ.

މީގެ އިތުރުން މި މަޝްރޫގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތްކުރާނެކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ހަމައެއާއެކު 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން 4,582 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުން ކުރާނެކަމަށް އެމްޓީސީސީއިން ބުންޏެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއަކީ 51.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.