ކޮލަމްބޯ (އޮގަސްޓު 5): އާބާދީގެ ނިސްބަތުން ބަލާ އިރު، ދުވާލަކަށް ކޮވިޑް-19 ވެކްސިން އެންމެ ގިނަ އަދަދަކަށް ޖަހަމުންދާ ގައުމުގެ ޖާގަ ސްރީލަންކާއިން ހޯދައިފިއެވެ.

ފަގީރުކަމާއި ބަލިމަޑުކަން ފަދަ ދުނިޔޭގެ މައްސަލަތަކާ ބެހޭ ގޮތުން ދިރާސާ އާއި ތަފާސްހިސާބުތައް އާއްމު ކުރާ "އަވާ ވޯލްޑް އިން ޑޭޓާ"ގެ ވެބްސައިޓުގައިވާ ގޮތުން ފާއިތުވި ހަތް ދުވަހުގެ އެވަރެޖަށް ބަލާ އިރު، ލަންކާއިން ދުވާލަކަށް އާބާދީގެ ކޮންމެ 100 މީހަކަށް 1.97 ޑޯޒް ޖަހާފައިވެއެވެ. އެއީ އެހެން ގައުމުތަކާ އަޅާ ބަލާ އިރު ދުވާލަކަށް އެންމެ ގިނަ އަދަދެވެ.

ލަންކާއަށް ފަހު އެ ލިސްޓުން އެންމެ ކުރީގައި އުޅެނީ އިކުއެޑޯ އާއި ޗައިނާއެވެ. އެއީ އިކުއެޑޯގައި ދުވާލަކު ކޮންމެ 100 މީހަކަށް 1.31 ޑޯޒް އާއި ޗައިނާއިން 1.24 ޑޯޒްއެވެ.

ލަންކާއިން އެގައުމުގައި ބޭނުން ކުރަން މިހާތަނަށް ހުއްދަ ދީފައި ވަނީ ފައިޒާ، ސްޕަޓްނިކް، ކޮވިޝީލްޑް، ސިނޮފާމް އަދި ސިނޮވެކް ވެކްސިންއެވެ.

އަދި އެގައުމުގެ 21 މިލިއަން މީހުންގެ އާބާދީގެ ތެރެއިން މިހާރު ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު ވަނީ 10 މިލިއަން ހުރަސްކޮށްފައެވެ. އޭގެ ތެރެއިން ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައެވެ.