ކޮލޮމްބޯ (އޮގަސްޓު 7): ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ތިބި ކޮވިޑް-19 ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖަހާ މީހުން ދެނެގަތުމަށް އެގައުމުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު އަޖިތު ރޮހާނާ ވިދާޅުވި ގޮތުގައި ކޮލަމްބޯގައި ތިބި ކޮވިޑް ވެކްސިން ނުޖަހާ 30 އަހަރުން މަތީގެ މީހުން ޓްރޭސް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެގައުމުގެ ކޮމިއުނިޓީ ޕޮލިސިން ޑިވަޝަނާއެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދާނީ ސިއްހީ އިދާރާތަކާއި ކޮލޮމްބޯ މުނިސިޕަލް ކައުންސިލް (ސީއެމްސީ)ގެ އޮފިޝަލުންގެ އެހީއާ އެކުގައެވެ.

ރޮހާނާ ވިދާޅުވި ގޮތުގައި ވެކްސިން ނުޖަހާ މީހުން ދެނެގަތުމަށް ފަހު، ބައެއް ހާލަތްތަކުގައި އެމީހުންނަށް ވެކްސިން ޖަހަން ގެންދިޔުމުގައި ފުލުހުން އެހީތެރިވާނެއެވެ.

"ކޮލޮމްބޯގައި ތިބި 30 އަހަރުން މަތީގެ ވެކްސިން ނުޖަހާ މީހުން ފުރަތަމަ ޑޯޒް ޖަހަން ޝުގަދާސަ ސްޓޭޑިއަމްއަށް ދިޔުން އެދެން،" ރޮހާނާ ވިދާޅުވިއެވެ.

ރޮހާނާ ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމަށްޓަކައި ކޮމިއުނިޓީ ފުލުހުންގެ އެހީގައި މިހާތަނަށް އެ ސްޓޭޑިއަމްއަށް 5،000 ވަރަކަށް މީހުން ގެންގޮސްފައިވެއެވެ.

ލަންކާއިން އެގައުމުގައި ބޭނުން ކުރަން މިހާތަނަށް ހުއްދަ ދީފައި ވަނީ ފައިޒާ، ސްޕަޓްނިކް، ކޮވިޝީލްޑް، ސިނޮފާމް އަދި ސިނޮވެކް ވެކްސިންއެވެ.

އެގައުމުގެ 21 މިލިއަން މީހުންގެ އާބާދީގެ ތެރެއިން މިހާރު ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު ވަނީ 10 މިލިއަން ހުރަސްކޮށްފައެވެ. އޭގެ ތެރެއިން ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައެވެ.