ހުޅުމާލޭގައި އަޅާ 25 ބުރީގެ އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއަށް ދައްކަން ޖެހޭ ފައިސާ ލިބިފައިނުވާތީ އެޗްޑީސީ އާއި އެ ފަރާތާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުން ބާތިލްކޮށް، ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މިދިޔަ ހުކުރު ދުވަހު ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

މި މައްސައާ ބެހޭގޮތުން އެޗްޑީސީން ބުނީ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީން ކުރި މަސައްކަތާއި އެ މަސައްކަތުގެ އަގަށްވާ ފައިސާ ވެރިފައި ކުރުމުގެ މަސައްކަތަށްފަހު އެ ފައިސާ ދެއްކުމާބޭހޭ ގޮތުން ސަރުކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް ކޮންޕްލެސް އިމާރާތެއް އެޅުމަށް މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މާރިޗު މަސް ތެރޭގައެވެ.

އޭގެ ފަހުން އެ މަޝްރޫއުގެ އެގްރިމަންޓްގައި އެޗްޑީސީއާއެކު ސޮއި ކުރީ، 123 މިލިއަން ރުފިޔާއަށް 2017 ވަނަ އަހަރު މާޗު މަހެވެ.

އެ އިމާރާތް އެންމެ ފުރަތަމަ އަޅަން ނިންމީ ފިނޭންސް މިިނިސްޓްރީ މިހާރު ހުރިތަނާ އިންވެގެން އޮންނަ ހުސްބިމުގައެވެ.

އެކަމަށްޓަކައި ބިން ސާފުކޮށް އިމާރާތް އަޅަން ތައްޔާރުވުމަށް ފަހު، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި އޭރުގެ ސަރުކާރުން އެ މަޝްރޫއު ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް ވަނީ ބަދަލު ކޮށްފައެވެ.