10 Aug 2021, 14:41
ދައުރު ހަމަވުމުން ވަޒީފާ އާ ބެހޭ ޓްރައިބިއުނަލުގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރިޔަމް ރިޝްފާ އަލުން އައްޔަން ކުރައްވައިފިއެވެ.
ރިޝްފާ އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރިޝްފާ ވަނީ، ހައިކޯޓުގެ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ ކުރިފުޅުމަތީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. އަދި، އެ މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ރިޝްފާއާ ހަވާލުކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު އައްޔަނު ކުރެއްވި ރިޝްފާ މީގެކުރިން ވެސް ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ 2016 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެ މަގާމުގެ އަދާކުރައްވާފައެވެ.
ރިޝްފާ އަކީ ވިލާ ކޮލެޖުން މާސްޓާޒް އޮފް ޝަރީއާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ ވިލާ ކޮލެޖްއިން ބެޗްލާޒް އޮފް ޝަރީއާ އެންޑް ލޯ ވެސް ހާސިލްކުރައްވާފައެވެ.