ހިޔާ ފުލެެޓުތައް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ، އެ ފަރާތްތަކުން މިއަދު ހަވީރު މަގުމައްޗަށް ނުކުންނަށް ތައްޔާރުވެއްޖެއެވެ.

"ފުރަތަމަ ނުކުތުން" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 16:10 އިން ފެށިގެން 16:40 އާ ހަމައަށް ފޭސް ދޭއްގެ ޓަވަރު 8 އަދި ޓަވަރު 12 ދެމެދަށްވާ ގޮތަށް އޮންނަ މަގުގައެވެ.

ހިޔާ ޔޫނިއަންގެ ފަރާތުން "ސަން" ބުނީ މިއަދުގެ ހަރަކާތަކީ ހިޔާ ފުލެޓު ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ ފުލެޓު ލިބުނު ފަރާތްތަކުން މަގުމައްޗަށް ނުކުންނަ ނުކުތުމެއް ކަމަށެވެ.

ޝުއޫރު ފާޅުކުރާނީ ބެނާތަކާއި ބޯޑުގައި ލިޔެގެން ކަމަށާއި، އަޑުގަދަކޮށް ނުހަދާނެ ކަަމަށް ހިޔާ ޔޫނިއަންގެ ފަރާތުން މައުލޫމާތުދެއެވެ.

ހިޔާ ފުލެޓު ލިބުނު ފަރާތްތަކުގެ މައިގަނޑު ކަންބޮޑުވުންތަކަކީ ފުލެޓުތަކުގެ ކުލި ބޮޑުވުމާއި، ކުލި ނުނަގާ މުއްދަތުގެ ކުޑަވުމެވެ. އަދި ފިނިޝިންއަށް ދާ ބޮޑު ހަރަދުގެ ސަބަބުން އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ނިންމޭނެހާ ތަނަވަސްކަން ފުލެޓުތައް ލިބުނު ފަރާތްތަކުގެ ނެތްކަން ހިޔާ ޔޫނިއަންގެ ފަރާތުން ފާހަގަކުރިއެވެ.

"އަޅުގަނޑުމެން ޔޫނިއަންގެ ފަރާތުން އެކެއް ޖޫން ގަ ސަރުކާރަށް ހުށަހަޅާފައިވާ ޕެޓިޝަން އަށް ދައުލަތުގެ އެއްވެސް ވުޒާރާއަކުން އަދި މިހާތަނަށް އެއްވެސް ކަހަލަ ޖަވާބެއް ދީފައެއް ނުވޭ،" ހިޔާ ޔޫނިއަންގެ ފަރާތުން ބުންޏެވެ.

ހިޔާ ޔޫނިއަންގެ ފަރާތުން ސަރުކާރަށް ހުށަހެޅި ޕެޓިޝަނުގައި މައިގަނޑު ތިން ކަމަކަށް އެދިފައިވެއެވެ. އެއީ މިހާރު ނަގާ 8،500 ރުފިޔާގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށް ދިނުމަށާއި، ފިނިޝިން އަށް ދޭ ގްރޭސް ޕީރިއަޑްގެ މުއްދަތު 12 މަސް ދުވަހަށް އިތުރުކޮށްދިނުމަށެވެ.

އަދި ކޮންމެ ޔުނިޓެއްގެ އިންޓީރިއާ ފިނިޝިން އަށް ޖެހޭ އަގުގެ ޖުމްލަ އަގުން، އެއްލައްކަ ރުފިޔާ މާފުކޮށްދިނުމަށް ހިޔާ ޔޫނިއަންގެ ފަރާތުން ސަރުކާރުގައި ވަނީ އެދިފައެވެ.

"ހުޅުމާލޭގަ އަދި ރާއްޖޭގެ އެހެން ތަންތަނުގަވެސް ދީފަ ހުރި ފުލެޓުތައް، ރާއްޖޭގެ އެއްވެސް ތަނެއްގަ މިހާތަނަށް ދީފައެއް ނެތް ފިނިޝިން ނުނިންމާ 8،500 ރުފިޔާއަކަށް. އެހެންވީމަ 8،500 ރުފިޔާއަކީ ފުލެޓު ލިބުނު މީހުންނަށް ދެއްކޭނެ އަދަދެއް ނޫން،" ހިޔާ ޔޫނިއަންގެ ފަރާތުން ބުންޏެވެ.

ހިޔާ ޔޫނިއަން އަކީ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތައް ލިބުނު ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާއެކެވެ.