14 Aug 2021, 09:43
ޖަރުމަން ބުންޑަސް ލީގާގައި ޗެމްޕިއަން ބަޔާން މިއުނިކް ކުޅުނު ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ބަޔާންގެ އާކޯޗު ޖޫލިއަން ނެގެލްސްމާންގެ އިރުޝާދުގެ ދަށުން އެޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ރަށުން ބޭރުގައި ބަޔާން ވާދަކުރީ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ދެކޮޅަށެވެ. މޮންޗެންގްލަޑްބެކްއިން ވަނީ މެޗުގައި ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކާފައެވެ.
މެޗު ކޮންޓްރޯލްކޮށްގެން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ބަޔާންއަށް މެޗުގައި ކުރިހޯދޭ ގޮތެއް ނުވިއެވެ.
މެޗުގެ 10 ވަނަ މިނިޓުގައި ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ މޮންޗެންގްލަޑްބެކްއިންނެވެ. 10 ވަނަ މިނިޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސް ފޯވާޑް އަލެސާން ޕްލެއާއެވެ.
ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ބަޔާންއިން އެއްވަރުކުރިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ރޮބާޓް ލެވަންޑޮސްކީއެވެ.
ޔޮޝުއާ ކިމިޗް ކޯނަރަކުން ނިއަ ޕޯސްޓަށް ނަގައިދިން ހުރަސް ލެވަންޑޮސްކީ ގޯލިގެ ތެރެއަށް ވައްދާލީ ކަނާތު ފައިން ފޮނުވާލި ބާރު ހަމަލާއިންނެވެ.