ދަތި ވުގުތެއްގައި އޭއެފްސީ ކަޕް ޕްލޭ އޮފް މެޗު ކުޅެން ބެންގަލޫރުއިން ތައްޔާރުކަމަށް އެޓީމުގެ ކޯޗު މާކޯ ޕެޒޯލީ ބުނެފިއެވެ.

މިއަދު ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސް ގައި ވާހަކަ ދައްކަމުން ޕެޒޯލީ ބުނީ މިއީ އިންޑިއާ ފުޓުބޯޅަ ކަލަންޑަރުގެ އޮފް ސީޒަން ކަމަށާއި ގިނަ ކުޅުންތެރިންގެ ޗުއްޓީ ދުވަސްވަރު މެޗު ކުޅެން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ބެންގަލޫރުއިން ފާއިތުވެދިޔަ ތިން ހަފުތާގައި ތިބީ ކޭމްޕު ކޮށްގެން ކަމަށާއި ލިބުނު ވަގުތާ ބަލައި ތައްޔާރީ އާ މެދު ހިތްހަމަ ޖެހޭ ކަމަށް ޕެޒޯލީ ބުންޏެވެ.

އަނިޔާގެ ސަބަބުން ބެންގަލޫރުގެ ދެކުޅުންތެރިންނަށް މެޗުގައި ނުކުޅެެވެއެވެ.

"އެޑޫ އަދި ޕްރިންސްއަށް މިމެޗުގައި ނުކުޅެވޭނެ. އެޑޫ ބުރަކައްޓަށް އަނިޔާވެފަ ވަނީ. ޕްރިންސްގެ އިންފެކްޝަންއެއް އެބަ އުޅޭ،" ޕެޒޯލީ ބުންޏެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޕެޒޯލީ ބުނީ މޭ މަހު ކުޅެން ހަމަޖެހިފައި އޮތް މެޗު ލަސްވުމުން ވަރަށް އުނދަގޫ ކަމަށާއި މޭ މަހު މެޗު ކުޅުނު ނަމަ ބެންގަލޫރަށް ފަސޭހަ ވީސް ކަމަށެވެ.

"މޭ މަހު މެޗު ކުޅެން ވެގެން ނުވަ ހަފުތާއަށް ޓީމު އޮތީ ގޯއާ ގައި ކޭމްކޮށްގެން. އިންޑިއަން ސުޕަ ލީގު ސީޒަން ނޮވެމްބަރު 19 ވަނަ ދުވަހު ފަށާ. ވަރަށް ބައިވަރު ވަގުތު ގެއްލިއްޖެ،" ޕެޒޯލީ ބުންޏެވެ.

ގިނަ އަދަދެއްގެ ފެންވަރު ރަނގަޅު ކުޅުންތެރިން ސޮއި ކޮށްފައިވުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި އަދި ކުޅުންތެރިން އޭނާ ބޭނުންވާ ގޮތަށް ކުޅުމަށް ހޭނެމުން އަންނަ ކަމަށް ޕެޒޯލީ ބުންޏެވެ.

އޮގަސްޓް 14، 2021: އޭއެފްސީ ޕްލޭއޮފް މެޗުގެ ޕްރެސް ކޮންފަރެންސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބެންގަލޫރު ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ބުނީ ދިވެހި ޓީމުތަކާ ދެކޮޅަށް ގިނަ މެޗުތަކެއް ކުޅެވިފައިވާ ކަމަށާއި ނަމަވެސް މާޒީގެ ނަތީޖާތައް މުހިންމު ނޫން ކަމަށެވެ.

އޭއެފްސީ ކަޕުގައި ބެންގަލޫރު ވަނީ ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް 10 މެޗު ކުޅެ ހަތް މެޗުން ކުރި ހޯދާފައެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބެންގަލޫރު ވަނީ ބަލިވެފައެވެ.