މާލޭ ސިޓިގެ މާޔަރު ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ކުނި ނަގާ އުސޫލު ބަދަލުކުރުމަށް އަދި ނިންމާފައިނުވާކަމަށް ވެމްކޯއިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ވެމްކޯ އިން ގެތަކަށް ވަދެ ކުނި ނެގުން ވަނީ ހުއްޓާލާފައެވެ.

ނަމަވެސް މާފަންނު ރައްޔިތުންނާ އެއްކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވަނީ އަންނަ ހަފްތާއިން ފެށިގެން ގޭގެއަށް ވަދެގެން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އަހްމަދު "ސަން" އަށް މިރޭ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ އެ ނިންމުމާ މެދު އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ. އަދި އެގޮތަށް މަސައްކަތްކުރުމަށް އެއްވެސް ދައްޗެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް އަޅުގަނޑުމެން މި ގޮތަށް އަލުން މަސައްކަތް ފަށާނީ ސަރުކާރުގެ އިދާރާތަކާއި އެޗްޕީއޭއާ މަޝްވަރާކުރުމަށްފަހު އެ ފަރާތްތަކުގެ ލަފާގެ މަތިން،" އާދަމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މޭޔަރުގެ ނިންމެވުމަކީ ވެމްކޯގެ މަޝްވަރާ ނެތި ނިންމެވި ނިންމެވުމެއް ކަމަށެވެ.

އޯގަސްޓު 12، 2021: މާލޭ ސިޓީ ކައުންސިލުން މާފަންނު ރައްޔިތުންނާ ބައްދަލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާފަންނު ރައްޔިތުންނާ އެއްކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭގެ މަގުތަކަށް ކުނި ނެރެފައި ބެހެއްޓުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ގިނަ ދަތިތަކެއް ކުރިމަތިވާކަމެއްކަމަށެވެ.

އަދި ނިއު ނޯމަލްއަކަށް އައިސްފައިވާއިރު އަލުން ހިދުމަތް ދޭ ގޮތަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއްކަމަށެވެ.