14 Aug 2021, 23:18
ރާއްޖޭގައި ކުށްވެރިން ބެލެހެއްޓުމަށް ރަނގަޅު ނިޒާމުތަކެއް ގާއިމު ކުރެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ކަރެކްޝަނަލް ސާވިސްއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ.
އިމްރާން ވިދާޅުވި ގޮތުގައި ކަރެކްޝަނަލް ސާވިސްއިން ފޯރުކޮށްދެމުން ދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިއްމު ހިދުމަތެކެވެ. އަދި ރާއްޖޭގެ ކަރެކްޝަނަލް ސާވިސް މިހާރު ވަނީ ޒަމާނީ ހިދުމަތަކަށް ބަދަލުވެފައެވެ.
އެގޮތުން ކަރެކްޝަނަލް ސާވިސްއިން ކުށްވެރިން އަލުން މުޖުތަމައަށް ނެރުމުގެ ކުރިން ރިހެބިލިޓޭޓުކޮށް، ފަރުވާދީ، ހުނަރުތައް ދަސްކޮށްދޭކަން އިމްރާން ފާހަގަ ކުރެއްވިއެވެ.
"މިއަދު ކަރެކްޝަނަލް ސާވިސް ޒަމާނީ ހިދުމަތަކަށް ބަދަލުވެ، ކުށްވެރިން ބެލެހެއްޓުމުގައި ރަނގަޅު ނިޒާމުތަކެއް ގާއިމު ކުރެވި، ކަރެކްޝަނަލް ސާވިސްގެ ފަރާތުން ކުށްވެރިން ރިހެބިލިޓޭޓު ކުރެވި، ފަރުވާ ދެވި އަދި ގިނަ ފަހަރު ހުނަރުތަކެއް ލައިދެވި މުޖުތަމައަށް ކުށްވެރިން ނެރުމުގެ ބޮޑެތި ޒިންމާތައް އަދާ ކުރުމުގެ މަސައްކަތް ސިސްޓެމެޓިކް ގޮތަކަށް ކުރެވެމުން ދިޔުމަކީ އަޅުގަނޑު ހިތުން ވަރަށް މުހިއްމު ކަމެއް،" އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ކުށްވެރިން އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަރެކްޝަނަލް ސާވިސްއިން ކުރާ މަސައްކަތްތަކަށް އިމްރާން ޝުކުރު އަދާ ކުރެއްވިއެެވެ.