މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރެރިސްޓް ހަމަލާއަށްފަހު، އެމަނިކުފާނާ ބައްދަލުވި ކެބިނެޓުގެ އެންމެ ފުރަތަމަ ވަޒީރަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބަޔަކު ދުރާލާ ރާވައިގެން ދިން ޓެރެރިސްޓް ހަމަލާގައި ލިބުނު އަނިޔާ ތަކަށް އިތުރު ފަރުވާ ހޯއްދެމަށް މިވަގުތު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ރައީސް ނަޝީދާއި މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވާ ފޮޓޯއެއް އާއްމު ކުރައްވައި މިއަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ބޮމުގެ ހަމަލާއަށްފަހު ރާއްޖޭގެ ވަޒީރަކު އެމަނިކުފާނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް އެޑްރެސްކޮށް ރައީސް ނަޝީދު މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ އެމަނިކުފާނަށް ދިން ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރު ކުރުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ޚުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއް ކަަމަށެވެ.