17 Aug 2021, 10:36
އަލަށް އުފައްދާ ސިޔާސީ ޕާޓީ ތަކަށް މި ސަރުކާރުން ފައިސާ ޚަރަދު ކުރާ ކަމަށް މާވަށު ދާއިރާ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އަލަށް އުފައްދާ ސިޔާސީ ޕާޓީ ތަކަކީ އިންޑިއާ ސަރުކާރުން ނަގާ ލޯނު ތަކުން ފައިސާ ޚަރަދު ކޮށްގެން ހިންގަން އުޅޭ ޕާޓީ ތަކެއް ކަމަށެވެ.
ސައީދު ވިދާޅުވީ ޕާޓީ އުފައްދަނީ ގައުމު މިނިވަން ކުރަން ކަމަށް ބުނެ ދައްކާ ވާހަކަ ތަކަކީ ދެކޮޅު ނުޖެހޭ ކޮސް ވާހަކަ ތަކެއް ކަމަށެވެ. އެވާހަކަ ތަކަކީ ސަލާމަތް ބުއްދިއެއް ހުރި މީހަކު ގަބޫލު ކުރާނެ ވާހަކަ ތަކެއް ނޫން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
"އަލަށް ޕާޓީ ހަދަން މީހުން ނެރެނީވެސް މި ސަރުކާރުން. އެމީހުންނަށް ފައިސާ ދެނީ އިންޑިއާ ސަރުކާރުން ނަގާ ލޯނު ތަކުން. ލޮބުވެތި ދިވެހި ރައްޔިތުންނޭ، މި ބޭފުޅުން ފޯމު ފުރަން ދިޔައިމަ އެމީހުންނަށް ނޫނެކޭ ބުނަން އެބަޖެހޭ. އެބޭފުޅުންނަށް އެ މޯރަލް އޮތޯރިޓީއެއް ނެތް ގައުމު މިނިވަން ކުރުމުގެ ވާހަކަ ދައްކާކަށް. ގައުމު މި ހާލަތަށް ވައްޓާލީ އެ މީހުން،" ސައީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި "މަވެސް ޕީޕީއެމް" ޕްރޮގްރާމްގެ ތެރެއިން ހއ. ކެލާ އާއި ފިއްލަދޫ އާއި އުތީމު އާއި މުރައިދޫ އާއި ވަށަފަރު އާއި ބާރުގެ އިތުރުން ހދ. ހަނިމާދުއިން ޕީޕީއެމް އާ އަލަށް ގުޅުނު 600 މެމްބަރުންގެ ފޯމުތައް ހަވާލު ކުރުންވެސް އޮތެވެ.
ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތަކާ ހަވާލުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ސުޖާއު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާ ހަވާލު ކުރަނީ --
ފޯމުތަކާ ހަވާލުވުމަށްފަހު އަދުރޭ ދެއްކެވި ވާހަކައިގައި ވިދާޅުވީ ޕީޕީއެމާ މިހާ ގިނަ އަދަދެއްގެ މެމްބަރުން އަލަށް ގުޅެމުންދަނީ ގައުމު ވެއްޓިފައިވާ މި ދަތި އުނދަގޫ ވަޅުގަނޑުން ސަލާމަތް ކުރެވެން އޮތީ ހަމަ އެކަނި އެ ޕާޓީ އާ ގުޅިގެން ކަމުގައި ރައްޔިތުން މިއަދު ގަބޫލު ކުރާތީ ކަމަށެވެ.
"މިހާރު މި އޮތް ބިރުވެރި ހާލަތުން ގައުމު ސަލާމަތް ކުރަން އެދޭ ބޭފުޅުން، ރައީސް ޔާމީންނަށް ވެރިކަން ހޯދައިދޭން ބޭނުންވާތީ ޕީޕީއެމާ މިހާ ގިނަ ބޭފުޅުން އަލަށް ގުޅެމުން އެގެންދަނީ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންނަށް ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅުގައި ތަހުނިޔާއާއި މުބާރިކް ބާދީ ދަންނަވާ ކަމަށެވެ.