23 Aug 2021, 12:24
މުޅި އއ. އަތޮޅު ގޮވާލަމުން ދަނީ މަޑިވަރު ފަޅުގައި އޮންނަ ކުޑަ ރަށް ވެލިފިނޮޅު ހިއްކުމުގެ މަސައްކަތް ހުއްޓާލާށެވެ. އިތުރު ބަހަނާއެއް ނުދައްކާ ހުއްޓާލާށެވެ. ތިމާވެއްޓަށް ލިބޭ ގެއްލުން، ހިމާޔަތްކޮށްފައި އޮތް ސަރަހައްދެއްގެ ގުދުރަތީ ރީތިކަން ވިއްސިވިހާލިވުން، ކުންފުންޏަކުން އީއައިއޭއާ ހިލާފްވުން، ސަރަހައްދުގެ ހުރި ފިނޮޅުތައް ލޯ މައްޗަށް ގެއްލުން، ސަރުކާރުގެ އިދާރާތަކުން އެވަރުގެ ބޮޑުކަމެއް ކުރަމުންދާއިރު ނިދާފަ ތިބުން، މިއީ ހުސްވެސް އެ އަތޮޅުގެ އާންމުންގެ ހުރި ކަންބޮޑުވުންތަކެވެ. މުޅި އަތޮޅަށް ވެރިވެފައިވަނީ ނުތަނަވަސްކަމެވެ. އަތޮޅުގެ ރައްޔިތުން ދަނީ އެކަން ހުއްޓުވޭތޯ އިހުތިޖާޖު ކުރަމުންނެވެ. މީސްމީޑިޔާގައި ހިޔާލު ފާޅު ކުރަމުންނެވެ. ވެލި ފިނޮޅު ހިއްކަމުންދަނީ ޖެހިގެން އޮންނަ ވެލިގަނޑު ރިސޯޓު އޮޕަރޭޓްކުރާ ކުންފުނިންނެވެ. އެރަށް ތަރައްގީ ކުރުމުގެ ގޮތުން މިހާރު ކުރަމުންދާ މަސައްކަތަކީ އެރަށުގެ ބިން ހިއްކައިގެން ބޮޑު ކުރުމާއި ބަނދަރު ހެދުމުގެ މަސައްކަތެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން ރަސްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އަނިލް ވަނީ އެ މަސައްކަތާއި ދެކޮޅަށް ރައްޔިތުން އިހުތިޖާޖު ކުރާ ސަބަބުތައް ވަރަށް ސާފުކޮށް ތިލަކޮށްދީފައެވެ. އޭނާ ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައި އެކްސްކަވޭޓަރު ދުއްވުމަށް އެ ސަރަހައްދުގެ ބައެއް ހިއްކައިގެން މަގެއް ހަދާފައިވާ ކަމަށެވެ. 300 މީޓަރުގެ ދިގު އެ މަގު ހެދުމުގެ ތެރޭގައި ފަރުގެ ބޮޑު ބައެއް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަނިލް ވިދާޅުވީ މި ގޮތަށް ކަންތައް ކުރާތީ ރަސްދޫގެ އިތުރުން މުޅި އއ. އަތޮޅުވެސް ކަންބޮޑުވާ ކަމަށެވެ. އެ ކަމާމެދު ރަށުގައި ހިޔާލު ފާޅުކުރަމުންދަނީ ސުލްހަވެރިކަމާއެކުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މަޑިވަރު ފަޅުގެ ހިމާޔަތް ކޮށްފަ އޮތް ސަރަހައްދެެއްގެ ކައިރި ވެލިގަނޑު، އަތޮޅު ރައްޔިތުން ގަބޫލުކުރާ ގޮތުގައި ގަވާއިދާ ހިލާފަށް އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އެދަނީ،"
"ފަހަރަކު ތަންކޮޅެއް ހިއްކަމުން އައިސް ބޮޑު ރިސޯޓެއް ގޮތަށް މިހާރު ޑެވެލޮޕް ކުރަނީ އެ،" އަނިލް ވިދާޅުވިއެވެ.

ރަސްދޫގައި ޒުވާނުން ސުލްހަވެރިކަމާއެކު އިހްތިޖާޖް ކުރަނީ: ފޮޓޯ/ އަބްދުﷲ އަނިލް
ކޮންމެއަކަސް މަޑިވަރު ފިނޮޅު ސަރަހައްދު ހިއްކުމުގެ ހާޖާނު މިވަނީ ހުރިހާ އެންމެންގެ ސަމާލުކަމަށް އައިސްފައެވެ. އެ މައްސަލަ މިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށްވެސް އައިސްފައެވެ. މަޖިލީހުގައިވެސް އިވެނީ އެ މަސައްކަތް ހުއްޓުވުމަށް ދާއިރާއަށް ނިސްބަތްވާ މެމްބަރުން ހަރު އަޑުން ގޮވާލާ މަންޒަރެވެ.
ރަސްދޫ ކައުންސިލްގެ ނައިބު ރައީސް އަނިލް ވިދާޅުވީ އެރަށް ކައިރީ ފަޅު ހިއްކުމުގެ މަސައްކަތް ކުރާތާ ދެ ހަފްތާއެއްހާ ދުވަސްވެއްޖެ ކަމަށެވެ. ވެލިފިނޮޅު އޮންނަނީ މަޑިވަރުގެ ހުޅަނގު ދެކުނަށް ރަސްދޫއާވީ ފަޅިއަށެވެ. ފަޅުގެ ހުޅަނގުދެކުނު ފަޅިއަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. އެހެންނަމަވެސް މަޑިވަރު ފިނޮޅުގައި ހިންގާ ބިން ހިއްކުމުގެ މަސައްކަތާއެކު އެ ސަރަހައްދުގެ ގުދުރަތީ ރީތިކަމަށް ފަނޑުކަމެއް އަންނަކަމުގެ އިހުސާސް ރައްޔިތުންނަށް ދަނީ ކުރެވެމުންނެވެ. އެއީ ރައްޔިތުންނަށް ހަޖަމް ކުރެވޭނެ ކަމެއް ނޫނެވެ.
"އެ ސަރަހައްދަކީ ހިމާޔަތްކޮށްފަ އޮތް ސަރަހައްދެއް އީޕީއޭއިން. ސީދާ ހިމާޔަތް ކޮށްފައޮތް ސަރަހައްދަކު ނޫން މަސައްކަތް ކުރަނީ. އެކަމަކު އެތަނުން ރަށު ރައްޔިތުންނަށްވެސް ވެލި ނެގުން މަނާކޮށްފަ އޮންނަނީ އީޕީއޭއިން. ހިމާޔާތް ކޮށްފައޮތް ސަރަހައްދެއްގެ ކައިރިން ވެލި ނުނެގޭނެ ކަމަށް ބުނެފަ،" އަނިލް ވިދާޅުވިއެވެ.
ހިއްކުމުގެ މަސައްކަތް ހުއްޓުވަން އެންމެ ބޮޑު އިސްކަމެއް ނަގާފައި މިވަނީ ރަސްދޫ ރައްޔިތުންނެވެ. އެ ސަރަހައްދުގައި ރަސްދޫ ޒުވާނުންތަކެއް ހިޔާލު ފާޅު ކުރަމުން ދިޔުމާއެކު ފުލުހުންގެ ޓީމެއްވެސް ރަށަށް ގޮސްފައިވާ ކަމަށްވެއެވެ.

ރައްޔިތުން އިހްތިޖާޖް ކުރަމުންދާތީ ރަސްދޫއަށް ދިޔަ ފުލުހުންގެ ޓީމް: ފޮޓޯ/އަބްދުﷲ އަނިލް
އަނިލް ވިދާޅުވި ގޮތުގައި އެ ރަށަށް ގާތްގަނޑަކަށް 30 ނުވަތަ 25އަކަށް ފުލުހުންގެ ޓީމެއް ގޮސް ޕޮލިސް ސްޓޭޝަންގައި އެބަތިއްބެވެ.
"ފުލުހުންގެ ޓީމު އައިސް ޕޮލިސް ސްޓޭޝަންގައި މިހާރު ތިބީ. ޝީލްޑާ އެއްޗެހި ހިފައިގެން އައީ. އެކަމު އަދި އެއްވެސް ކަހަލަ ފިޔަވަޅެއް ބޭނުމެއް ނުކުރޭ. މީހަކު ހައްޔަރުކޮށް، އެކަހަލަ ކަމެއް ނުކުރޭ. އެކަމު އަޅުގަނޑުމެން އިހްތިޖާޖް ކުރާތީ ފުލުހުން ރަށަށް އައީ،" އަނިލް ވިދާޅުވިއެވެ.
އަތޮޅުގެ ގިނަ ބަޔަކު ތުހުމަތުކުރަނީ ބިން ހިއްކުމުގެ މަސައްކަތުގައި އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އިހުމާލެއް އެބަ އޮތް ކަމަށެވެ. އެގޮތުން އީއައިއޭއެއް ދިނަސް އީއައިއޭއާ ހިލާފްވެފައިވާކަމަށާއި އެކަމަށް އީޕީއޭ އޮތީ ނިދާފައިކަމަށް ރަސްދޫގެ ފަރާތްތަކުން ތުހުމަތުކުރެއެވެ. އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް "ސަން"އަށް ވިދާޅުވީ މިކަމުގެ ޝަކުވާތައް އެކި ރަށްތަކުން ލިބިފައިވާ ކަމަށެވެ. ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތަކުގެ ސަބަބުން މި މައްސަލަ ވަކި ގޮތަކަށް ހައްލުވެ ނިންމެންދެން ބައެއް މަސައްކަތްތައް މެދުކަނޑާލާފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ.
"އެ މައްސަލައިގެ ސަބަބުން އަޅުގަނޑުމެން ވަގުތީ ގޮތުން ބައެއް މަސައްކަތްތައް ކުރުން މަޑު ޖައްސާލާފަ ވާނީ. ޓުއަރިޒަމް މިނިސްޓްރީ އާއި އަޅުގަނޑުމެންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ވެލިގަނޑު މެނޭޖްމަންޓާ ގުޅިގެން މިހާރު މިދަނީ ބައްދަލުވުންތަކެއް ބާއްވައިގެން އެކަމުގަ އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނެ އޮޕްޝަން ތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން،" ނައީމް ވިދާޅުވިއެވެ.

އއ. ވެލިފިނޮޅު ހިއްކުމުގެ ތެރޭގައި ނަގާފައިވާ ގިނަ އަދަދެއްގެ ވެލި. 50 ކަށް ޖަންބޯބޭގް ވެލި އެރަށުގައި ބަހައްޓާފައި އެބަހުރި: ފޮޓޯ/ އަހްމަދު އަރްސަލާން
ނައީމް ވިދާޅުވިގޮތުގައި މިހާރު ކުރިއަށް ގެންދަނީ ވެލިފިނޮޅުގެ ބަނދަރުގެ ގޮތުގައި ބޭނުން ކުރާ ފަސްގަނޑުގެ ބައެއް މަސައްކަތްތަކެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން އެ މަސައްކަތާމެދު އީޕީއޭއިންވެސް މިހާރު އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
"އީޕީއޭއިންވެސް ފާސް ކޮށްފައިވާ މަސައްކަތެއް އެ ކުރަނީ. އެކަމަކު ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހުރީމާ އެކަމާ ދޭތެރޭ ވިސްނާފަ ދެން އިތުރަށް ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިޔަށް މިގެންދަނީ،" ނައީމް ވިދާޅުވިއެވެ.
ރައްޔިތުންނަށް ވެލިނަގަން މަނާ ކޮށްފަ އޮތް ސަރަހައްދުގައި މަސައްކަތް ކުރަމުންދާތީ ނައީމް ވިދާޅުވީ ރައްޔިތުންނަށް ވެލިނެގުން މަނާކޮށްފަ އޮތް ތަނެއް ތަރައްގީ ކުރަން ސަރުކާރުން ކުންފުންޏަކަށް ހުއްދަ ދީފިކަމުގައިވާނަމަ އެ ތަނެއް ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުންޏަކުން ކުރިއަށް ގެންދާނެކަމަށެވެ.
"ބަޔަކަށް ތަންދީ، އެތަން ކުއްޔަށް ދީފަ، ކުއްޔަށްވާ ލާރި ނަގާފަ، އެމީހުން ކޮންޓްރެކްޓެއް ހަދާ، ކުރަހާ، ހުރިހާ ކަމެއް ކޮށްފަ އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާއިރު އަޅުގަނޑުމެން ބަލާނީ ޕްރޮޓެކްޓަޑް އޭރިއާ އާއި އެތަނާ ހުރި ދުރުމިން ބަލާފަ، ހުއްދަ ދެވެން އޮތިއްޔާ، އަޅުގަނޑުމެން ހުއްދަ ދޭނީ،"
"އެކަމާ ގުޅިގެން އިޖްތިމާއީ މާގިނަ މައްސަލަތައް ނުކުންނަ ކަމުގައި ވަންޏާ އަޅުގަނޑުމެން އެކަން އަނެއް ފުށަށް އަނބުރާލަންވެސް ޖެހިދާނެ. އެއީ އަޅުގަނޑުމެން މިތާ ހަމަޖެހިގެން ދިރިއުޅެން މުހިންމުވާނެ. ހަމަ އެއާއެކު ވިޔަފާރިތައް ކުރިއަރުވާ ޓޫރިޒަމް ތަރައްގީ ކުރެވޭނެ މަގުތައްވެސް އޮންނަންވާނެ،" ނައީމް ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ މިކަހަލަ މަސައްކަތްތައް ފަށަނީ އެ ކަމެއް ފެށުމުގެ ކުރިން އެ ސަރަހައްދެއްގެ ވަށައިގެން އޭގެ އަސަރު ކުރާނެ ރަށްތަކުގެ ކައުންސިލްތަކާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
"އާންމު ގޮތެއްގައި މަސައްކަތް ފެށުމުގެ ކުރިން އަސަރުކުރާނެ ރަށްތަކުގެ ކައުންސިލް ތަކާ މަޝްވަރާ ކުރުމަށްފަހު މަސައްކަތް ފަށާނީ. އެކަމަކު މިދުވަސްކޮޅު ކޮވިޑްގެ ސަބަބުން އެހާ ރަނގަޅަށް އެކަން ކޮށްފައިވާ ކަމަކަށް ނުބެލެވޭ. އެ ވެދާނެ އެ މަޝްވަރާ ކުރުމުގެ ބައްދަލުވުމަށް ފޮނުވި ދައުވަތު ނުލިބި އޮތީކަމަށްވެސް،" ނައީމް ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ މި މައްސަލައިގައި ޝާމިލްވާ ހުރިހާ ފަރާތްތަކާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދެވޭނެ އެންމެ ރަނގަޅަކަށް ކުރިއަށް ގެންދާނެ ކަމަށާއި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު މި މަސައްކަތް ހުއްޓާލުމަކީ ސަރުކާރަށް ފެންނަ އެންމެ ރަނގަޅުގޮތް ކަމުގައިވާނަމަ އެ ގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ހިތްހަމަޖެހުން ވަރަށް މުހިންމުވާނެ،" ނައީމް ވިދާޅުވިއެވެ.

ރަސްދޫ ކައިރީގައި ރިސޯޓް ތަރައްގީ ކުރުމަށް ހިއްކަމުންދާ ސަރަހައްދު: ފޮޓޯ/އަބްދުﷲ އަނިލް،
ހިއްކަން ފަށާފައިވާ ސަރަހައްދުގެ ހިއްކުމުގެ ހުއްދަ ދީފައިވަނީ އީޕީއޭއިން އީއައިއޭއެއް ހެދުމަށްފަހު އެ ސަރަހައްދަކީ ގާނޫނުން މަސައްކަތް ކުރުން މަނާ ކުރާ ދުރުމިނަށްވުރެ ދުރުގައިވާ ތަނަކަށް ވާތީކަންވެސް ނައީމް ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ނައީމް ވިދާޅުވީ ހުއްދަ ދީފައިވާނީ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ކަމަށާއި އީއައިއޭ ރިޕޯޓް ހެދިއިރު ކައުންސިލްއަށް އަންގަންޖެހޭ ގޮތަށް އަންގާފައިވާނެ ކަމަށެވެ.
އަތޮޅުގެ ގިނަ ބަޔެއްގެ ފާޑު ކިޔުން މިކަމުގައި ގިނަ އިދާރާތަކަކަށް އަމާޒުވެފައިވާއިރު އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަރްސަލާން "ސަން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އީއައީއޭ ހެދިއިރު ކައުންސިލާއި އެދެވޭ ގޮތަކަށް މަޝްވަރާ ކުރެވިފައިނުވާ ކަމަށެވެ.
"އީއައިއޭ ރިޕޯޓް ހަދާ ނިންމާފަ މިދިޔަ އަހަރު ކުރީގެ ކައުންސިލް ދައުރުގައި ފޮނުވާފައި އޮތީ. އަޅުގަނޑު އެ ޑޮކިއުމެންޓްސްތައް ބެލިން. ދެން 2019 އަހަރު އީޕީއޭއިން ރައްޔިތުންނަށް މަނާ ކޮށްފައި އޮތީ ހިމާޔަތް ކޮށްފައިވާ ސަރަހައްދެއް ކައިރިން ވެލި ނަގާތީ. އެހެންވެ މާ ބޭރު ކުރަމަތި ރިސޯޓް ކައިރި ފުން ތަނަކުން މިހާރު ވެލި ނަގާނީ. އެކަމަކު މަސައްކަތް ކުރަމުން ދަނީ ވެލިނެގުން މަނާކުރި ސަރަހައްދުން" އަރްސަލާން ވިދާޅުވިއެވެ.
ރައްޔިތުންނަށް ވެލިނެގުން މަނާކޮށްގެން އެއްވެސް މައްސަލައެއް ނެތެވެ. އެހެންނަމަވެސް އަމިއްލަ ކުންފުންޏަކުން މެޝިން ބޭނުންކޮށްގެން ގުދުރަތީ ގޮތުން ޖަރީވެފައިވާ ސަރަހައްދެއްގެ ރީތިކަން ފަނާކޮށްލަން އެއްވެސް ފަރާތަކުން ނޭދޭކަމަށް އަރްސަލާން ވިދާޅުވިއެވެ. އެ ސަރަހައްދަކީ ރަސްދޫ، ތޮއްޑޫ އަދި އުކުޅަހަށް އަންނަ ފަތުރުވެރިންނާއި އަމިއްލަ އެކްސްކާޝަންތަކަށް ފަތުރުވެރިން ގޮވައިން އެންމެ ގިނައިން ޑައިވް ޕޮއިންޓަކަށް އަންނަ އެއް ތަނެވެ.
"އެ ސަރަހައްދަކީ މިތާ ކައިރި މިއޮތް ތޮއްޑޫ އާއި އުކުޅަހަށްވެސް އަންނަ ފަތުރުވެރިން އެންމެ ގިނައި ޒިޔާރަތް ކުރާ ތަން ޑައިވް ކުރަން. އަނެއްކާ އެތަނަކީ ޓާޓަލް ޕޮއިންޓްއެއް. ފަތުރުވެރިން އެންމެ ގިނައިން ބަލަން ބޭނުންވާ އެއްމަންޒަަރު އެއީ. މިހާރު ދެ ހަފްތާވީ ވެލައެއް ކަނހަބެއްވެސް ނުފެންނަތާ،" އަރްސަލާން ވިދާޅުވިއެވެ. މީގެއިތުރުން އަރްސަލާން ވިދާޅުވީ އީއައިއޭގައި ބަޔާން ކޮށްފައިވާ އުސޫލްތަކާއި ހިލާފް ހަތަރު ކަމެއް ފާހަގަ ކޮށްފައި މިހާރުވެސް ސިޓީއެއް އީޕީއޭއަށް ފޮނުވާފައިވާ ކަމަށެވެ.
ކައުންސިލުން ފާހަގަ ކޮށްފައިވާ ކަންކަމަކީ:
1. ގިނަ އަދަދަކަށް ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ވެލިނެގުން.
2. އީއައިއޭގައި ފާހަގަ ކޮށްފައިވާ މިންގަނޑަށްވުރެ ބޭރަށްވާގޮތަށް ފަޅުގެ އުތުރު ފަރާތުން ވެލިބެޑުތައް ޖެހުން.
3. އީއައިއޭގައި ފާހަގަކޮށްފައިވާ ގޮތަށް ހިމާޔަތާ ރައްކާތެރިކަމަށްޓަކައި ކިސަޑު ފޭބިޔަ ނުދިނުމަށް ޖަހަންޖެހޭ ސިލްޓް ސްކްރީން ރަނގަޅުފެންވަރެއްގައި ޖަހާ ހިމާޔަތް ކުރެވިފައިނެތުން.
4. މިހާރު ޖަހާފައިވާ ވެލި ބެޑުތަކުގައި 250 މީޓަރު ހުރިއިރު، އެ ބެޑުތައް ޖަހާފައިވަނީ ބެޑާ ޖެހިގެން ފަޅުތެރެއިން ވެލިނަގައިން ކަމުގައިވުން.

މިހާރުވެސް ގިރަމުންދާ މަޑިވަރު ފިނޮޅުގެ މޫދު ކިލަނބުވެފައި: ފޮޓޯ/ އަހްމަދު އަރްސަލާން
މި ކަންކަން މިގޮތަށް ހުރުމުގެ ސަބަބުން ފަޅުގެ ބޮޑު ސަރަހައްދަކަށް ކިސަޑު ފާބައި، ސަރަހައްދު ކިލަނބުވެ ގުދުރަތީ ރީތިކަން ގެއްލުމުގެ ސަބަބުން އެތައް އަހަރުތަކަކުން އުފެދިފައިވާ މުރަކަތައްވެސް ފުނޑުފުނޑުވެފައިވާކަމަށް އަރްސަލާން ވިދާޅުވިއެވެ.
"ސިލްޓްސްކްރީންތައް ޖަހާފަ ހުރިގޮތުންނާއި ވެލިނަގަމުންދާ މިންވަރުން މިހާރުވެސް ވަރަށް ބޮޑަށް މުޅިތައް ކިލަނބުވެފަ އެއޮތީ. އެހެންވެ ރައްޔިތުންވެސް ކައުންސިލުންވެސް މި ގޮވާލަނީ އީއައިއޭ ބާތިލް ކުރަން. ވަގުތީ ގޮތުން ހުއްޓާލީމަވެސް ކޮންމެސް ވަރަކަށް ސާފުވާން ފަށާފައި އެ އޮތީ" އަރްސަލާން ވިދާޅުވިއެވެ.
އާދަޔާ ހިލާފަށް ގިނައިން އެ ސަރަހައްދުން ވެލިނަގާ ކަމަށާއި ބައިވަރު ވެލި އެ ރަށުގައި ރައްކާކޮށްފައި އެބަހުރި ކަމަށްވެސް އަރްސަލާން ވިދާޅުވިއެވެ. މަޑިވަރު ސަރަހައްދަކީ ކުދި ފިނޮޅުތަކެއް އެކުލެވޭ ސަރަހައްދެއް ކަމަށާއި އެތަނުން އެއް ފިނޮޅު މިހާރު އެ ސަރަހައްދުގައި ފެންނަން ނެތްކަމަށްވެސް އަރްސަލާން ވިދާޅުވިއެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ފިނޮޅުގައި ހުރި ވެލި އެހެން ބޭނުމަކަށް "ގުދަން" ކޮށްފައި އަދިވެސް އެބަ ހުއްޓެވެ.
އަރްސަލާން އިތުރަށް ވިދާޅުވީ ކައުންސިލުންވެސް އަދި އަތޮޅުގެ ރައްޔިތުންވެސް ބޭނުންވަނީ އީއައިއޭ ބާތިލުކޮށް ވެލިފިނޮޅު ގިރާތީކަމަށްބުނެ ހިންގަމުންދާ މަޝްރޫއު އެއްކޮށް ހުއްޓާލުމަށް ކަމަށެވެ. އަދި މުޅި ކައުންސިލްގެ އިއްތިފާގުން އެ މަޝްރޫއު ހުއްޓާލުމަށް ގޮވާލާ ގަރާރެއްވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރައްވާފައެވެ.
"ވަގުތީ ގޮތުން ހުއްޓާލިޔަސް މި މައްސަލަ ހައްލެއްނުވާނެ. އަޅުގަނޑުމެންނަށްވެސް ރަށު ރައްޔިތުންނަށްވެސް ހިތްހަމަޖެހުމެއް ލިބޭނީ އީއައިއޭ ބާތިލްކޮށް މަޝްރޫއު ހުއްޓާލީމަ" އަރްސަލާން ވިދާޅުވިއެވެ.
ވެލިފިނޮޅުގައި ހިންގަމުންދާ މަޝްރޫގެ އިތުރު ދިރާސާކުރުމަށް ޓުއަރިޒަމް މިނިސްޓްރީއާއި އެންވަޔަމެންޓް މިނިސްޓްރީގެ އޮފިޝަލުމް ހިމެނޭހެން ޓީމެއް އާދީއްތަ ދުވަހު އެތަނަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އެ ޓީމުގެ "ހަބަރެއް ނުވާކަމަށް" އަތޮޅު ކައުންސިލުން ބުންޏެވެ.
މަޑިވަރު ފިނޮޅު ސަރަހައްދު ހިމާޔަތް ކޮށްފައިވަނީ އޮކްޓޯބަރު 7، 2018 ގައެވެ. އެ ސަރަހައްދަކީ ގުދުރަތީ ރީތިކަމުން ފުރިގެންވާ ސަރަހައްދެކެވެ. ގިނަ ފަތުރުވެރިންތަކެއް އެތަން ބަލާލަން ޒިޔާރަތްކުރާ ސަރަހައްދެކެވެ. އއ. އަތޮޅުގެ ފަތުރުވެރިކަމުގެ މައި ލޭނާރެއްކަހަލަ ތަނެކެވެ. އެތައް ބައެއްގެ އާމްދަނީއާ ގުޅިފައިވާ ތަނެކެވެ. އިޖުތިމާއީ ހިތްހަމަޖެހުމާއި ގުޅިފައިވާ ތަނެކެވެ. އަތޮޅު ރައްޔިތުންގެ އާދޭހަކީ އެތަން ސަލާމަތްކުރުމެވެ. އެތަން "އިކޯސައިޑް" ގެ މިސާލަކަށް ވިޔަ ނުދިނުމެވެ.