17 Aug 2021, 22:23
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.
ޔޫއޭއީގެ ގައުމީ އެއާލައިން، އިއްތިހާދު އެއާވޭސް އިން ބުނި ގޮތުގައި މާދަމާއިން ފެށިގެން ރާއްޖޭގެ އިތުރުންއޮސްޓްރިއާ އަރުމީނިއާ، އޮސްޓްރިއާ، އިސްރާއީލް، އިޓަލީ އަދި އެމެރިކާ ގްރީން ލިސްޓުގައި ނުހިމެނޭނެއެވެ.
އެހެންކަމުން އެގައުމުތަކުން އަބޫދާބީއަށްދާ، ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންވެސް ހަތް ދުވަހަށް ކަަރަންޓީނުވާން ޖެހޭނެއެވެ. އަދި އެގައުމަށް ދިޔުމަށް ފަހުގަ އާއި ކަރަންޓީނުގެ މުއްދަތު ނިމުމުން ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެއެވެ.
ކޮވިޑް ވެކްސިން ފުރިހަމަނުކޮށް އަބޫދާބީއަށް ދާ މީހުން 10 ދުވަހަށް ކަރަންޓީނުވާން ޖެހޭނެއެވެ.
އަބޫދާބީގެ ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުން ދާ މީހުން ކަރަންޓީނުވާން ނުޖެހޭނެއެވެ.
ކޮވިޑް ގްރީން ލިސްޓަކީ ގައުމުތަކުން ކޮވިޑް-19 އިން ދިފާއުވުމަށް ކުރާ މަސައްކަތްތަކާއި ބަލި ފެތުރޭ މިންވަރު ބެލުމަށްފަހު އެންމެ ރައްކާތެރި ގައުމުތައް ހިމެނޭހެން އަބޫ ދާބީން ތައްޔާރުކުރާ ލިސްޓެކެވެ.