މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެވޭނެ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް ފުރަތަމަ އިއުލާން ކުރުމަށް ފަހު، އެހެން ތާރީހެއްގައި އެ ޝަރުތުތައް އިތުރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ޔޫތު މިނިސްޓަރު އަދި އެމްޑީޕީގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް އެފަދައިން ވިދާޅުވީ، އޭނާއަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމާފައިވާ ނިންމުން މުރާޖައާކޮށް، އޭނާއަށް ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް އެދި އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށާއި ޗެއާޕާސަން ހަސަން ލަތީފަށް މިއަދު ލިޔުއްވި ސިޓީއެއްގައެވެ.

މަހުލޫފަށް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ކަނޑައެޅީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އޭނާގެ މައްސަލައެއް ބަލާކަން އަންގާފައި ވާ ކަމަށް ބުނެއެވެ.

ނަމަވެސް މަހުލޫފުގެ ސިޓީގައިވާ ގޮތުން، އެފަދަ ސަބަބަކާ ހެދި ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް، އެ އިންތިހާބާ ބެހޭ ގޮތުން އެމްޑީޕީން އާއްމުކޮށްފައިވާ އިއުލާންގައި ބުނެފައި ނުވެއެވެ. އަދި އެއީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައިވެސް ބަޔާންކޮށްފައިވާ ޝަރުތެއް ނޫނެވެ.

މީގެ އިތުރުން، އެޕްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައި ވަނީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންގެ ޝަރުތުތައް، އިންތިހާބެއް ބާއްވާކަން އެންގުމަށް ކުރާ އިއުލާނުގައި ހިމަނަން ޖެހޭ ކަމަށް ބުނެފައިކަން މަހުލޫފު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެމްޑީޕީން ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލާން 24 އޭޕްރިލްގައި ހުޅުވާލި އިރު އާއްމު ކުރި އިއުލާންގައި ނެތް ޝަރުތުތަކެއް 27 އޭޕްރިލްގައި ނެރެފައިވާ އިއުލާނެއްގައި ހިމެނި ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި އެކިއެކި މަގާމްތަކަށް ކުރިމަތިލާ ޕާޓީގެ މެންބަރުންނަކީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ބައެއް ކަމަށް ވާން ޖެހޭނެކަމަށް ނިންމާފައިވާ ކަމަށް ބުނެ އެތެރޭގެ އިންތިހާބަށް އިއުލާންކޮށްފައި ވަނިކޮށް، ފަހުގެ ތާރީހެއްގައި އިތުރު ޝަރުތުތަކެއް ހިމަނާ އިއުލާނެއް ނެރެފައިވަނީ ގާނޫނީ ހަމަތަކާ އުސޫލުތަކާ ހިލާފަށްކަން ފާހަގަކުރަން،" މަހުލޫފްގެ ސިޓީގައިވެއެވެ.

މަހުލޫފް ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީގެ އަސާސީ ގަވާއިދުތަކުގަ އާއި އިންތިހާބުތަކާ ބެހޭ ގަވާއިދުތަކުގައި ނުހިމެނޭ ޝަރުތުތަކެއް، ގައުމީ މަޖިލީހުގެ އިންތިހާބަށް އިތުރު ކުރީ ވަކި ބައެއްގެ ނުފޫޒުންނެވެ. އަދި އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކުގެ އަޑީގައި ވަނީ ސިޔާސީ ބަޔެއްކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރު ކުރެއްވިއެވެ.

އެ އިންތިހާބުގައި މަހުލޫފް ވާދަ ކުރަން ނިންމަވާފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ) ގެ ރައީސް ކަމަށެވެ.

މަހުލޫފްގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަަމަށް އެ ޕާޓިން ވަނީ އަންގާފައެވެ. އަދި އެ ނިންމުންވެސް މުރާޖައާ ކުރުމަށް އަކްރަމް ވަނީ އެދިވަޑައިގެންފައެވެ.