23 Aug 2021, 21:59
ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގދ. ގައްދޫ މޮނިޓަރިންއަށް ލައިފިއެވެ.
މޮނިޓަރިންއަށް ލީކަން ޔަގީންކޮށްދެއްވަމުން ގައްދޫ ސިއްހީ މަރުކަޒުގެ މޭނަޖަރު ފާތުމަތު މޫސާ "ސަން"އަށް ވިދާޅުވީ އެ ރަށް މޮނިޓަރިން އަށް ލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހާއި އޭގެ ފަހުން ނެގި ސާމްޕަލްތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށެވެ.
"މި މަހުގެ 21 ވަނަ ދުވަހު ނެގި ސާމްޕަލެއް ޕޮޒިޓިވްވީ. ދެން އެއާ ގުޅިގެން އަޅުގަނޑުމެން ކޮންޓްރެކްޓް ޓްރޭސްކޮސް ނެގި އިތުރު ސާމްޕަލްތަކެއްް ވެސް ވަނީ ނަގާފަ. އެއީ ދެ ދުވަހެއްގެ ތެރޭ ނެގި އެގާރަ ސާމްޕަލް، އޭގެ ތެރެއިން ހަތް ސާމްޕަލްވެސް ފަހުން ޕޮޒިޓިވްވެފައިވަނީ،" ފާތުމަތު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރަށް މޮނިޓަރިން އަަށް ލުމާއެކު ރަށުގައި ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅަން ފަށާގފައިވާކަމަށެވެ.
އެގޮތުން ބަނދަރު ސަރަހައްދު މޮނީޓަރުކުރުމާއި، ފިހާރަތަކުން ޑެލިވަރީ ދިނުމުގެ މަސައްކަތް ކުރުމަށް މިހާރު އަންގާފައިވާކަމަށް ވިދާޅުވިއެވެ.
އަދި ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތްވެސް ފެށިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިވަގުތު ގައްދޫގައި ކޮވިޑަށް ޕޮޒިޓިވް ބަލިމީހުންގެ ގޮތުގައި ތިބީ ޖުމްލަ އަށް މީހުންނެވެ.
މިއީ ގައްދޫ މޮނިޓަރިންއަށް ލީ ދެ ވަނަ ފަހަަރެވެ.