ގދ. ގައްދޫގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ މިދިޔަ އަންގާރަ ދުވަހު މޮނިޓަރިންއަށް ލާފައިވާއިރު ރަށު ކައުންސިލް ވެރިންގެ އެއްބާރުލުމެއް ދިނުމެއް ނެތި ރަށުގެ ހާލަތު ގޯސްވަމުން އަންނަ ކަމުގެ ޝަކުވާ ރަށުގެ ރައްޔިތުން ކުރަން ފަށައިފިއެވެެ.

ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ އެ ރަށުގެ ކައުންސިލުގެ އިސްވެރިންތަކެއް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު އެ އެންމެންވެސް ކަރަންޓީނުވުމަށް ދެކޮޅު ހަދަމުން ދިޔުމާ ގުޅިގެންނެވެ. އެގޮތުން އެ ފަރާތްތައް ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވަނީ އެ ރަށު ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ މެމްބަރަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ކަރަންޓީނުވުމަށް ދެކޮޅު ހަދަމުންް އަންނަ ބޭފުޅުންގެ ތެރޭގައި އެ ރަށު ކައުންސިލުގެ ނައިބު ރައީސާ ހަދީޖާ އަހުމަދު ޣަޒާލްވެސް ހިމެނެއެވެ.

މިކަން ޔަގީންކޮށްދެއްވަމުން އެ ރަށުގެ އިސް މަގާމެއްގައި ހުރި ފަރާތަކު "ސަން" އަށް ވިދާޅުވީ ރަށުގެ ކައުންސިލުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާކަމަށެވެ. އަދި ހަދީޖާވެސް ކަރަންޓީނުވުމަށް ދެކޮޅުހަދަމުން އަންނަކަމަށެވެ.

"ހަދީޖާ ވިދާޅުވީ އޭނާ ކަރަންޓީނު ވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް. އަދި ކަރަންޓީނުވާނީ ކޯޓު އަމުރަކާއެކު ޕޮލިހުން އެންގުމުންކަމަށް. އެނޫންގޮތަކަށް ކަރަންޓީނު ނުވާނެކަމަށް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަށް ކަރަންޓީނުކުރުމާއެކު އެޗްޕީއޭގެ އުސޫލާ އެއްގޮތަށް ރަށުގެ ސިއްހީ މަރުކަޒުގެ ފަރާތުން ފިޔަވަޅުތައް އެޅިނަމަަވެސް އެ ކަންކަން ތަންފީޒުކުރުމަށް ކައުންސިލުން ދެކޮޅު ހަދަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރަށް މޮނިޓަރިންއަށް ލުމާއެކު ރަަށަށް އަރާ ފައިބާ މީހުން މޮނީޓާކޮށް ބަނދަރު ސަރަހައްދު ބެލެހެއްޓުން ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރި ނަމަވެސް ކައުންސިލުން އެކަމަށް އެއްވެސް އެއްބާރުލުމެއް ނުދޭކަމަށް ވިދާޅުވިއެވެ.

"މިިހާރު ބަނދަރުވެސް އެއޮތީ ހުޅުވާލާފަ. މޮނިޓާއެއް ނުކުރޭ. ހަމައެކަނި ސްކޫލް ބަންދުކޮށްލީ. ކެފޭ ރެސްޓޯރަންޓްތައް ބަންދުކުރުމަށްވެސް ދެކޮޅު ހަދާފައިވަނީ، ރަށުގެ އާންމު ތަންތަނަށް ކައުންސިލްގެ ވެރިން ނިކުންނަ އިރު އެއްވެސް ފިޔަވަޅަކަށް ސަމާލުކަމެއްް ނުދޭ،" އޭނާ ވިދާޅުވިއެވެ.

އެގޮތުން ކައުންސިލްގެ ވެރިން އާންމު ތަންތަނަށް ނިކުންނައިރު މާސްކު ނާޅާ ކަމަށާއި ރައްޔިތުންގެ ކައިރީވެސް މާސްކު ނޭޅުމަށް ވިދާޅުވާކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ ގިނަ އަދަދެއްގެ ކަންބޮޑުވުންތަކެއް ހުރިކަމަށް އެ ރަށުން "ސަން" އާ ވާހަކަދެއްކި މީހުންގެ ފަރާތުން ވަނީ އެނގިގެންގޮސްފައެވެ.

އެގޮތުން ރަށުގެ ރައްޔިތުން އަމަލުކުރަންވީ ގޮތެއް ނޭނގި ހާސްކަމެއްގެ ތެރޭގައި ތިބެންޖެހިފައިވާކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންްޏެވެ.

"އަޅުގަނޑުމެން މި ތިބީ ހާސްކަމެއްގެ ތެރޭގައި. އަމަލުކުރަންވީ ކިހިނެތްކަމެއް ނޭނގެ. ރަށުގެ ވެރިން ދައްކަމުން އަންނަ ވާހަކައާއި އަމަލުކުރަމުން އަންނަ ގޮތުން ރަށުގެ ހާލަތު އިތުރަށް ގޯސްވާނީ، އަޅުގަނޑުމެން މި ތިބީ ހެލްތު ސެންޓަރުން އަންގާގޮތަށް އަމަލުކުރަން ތައްުޔާރަށް،" އެ މީހާ ބުންޏެވެ.

ރަށު ކައުންސިލްގެ ވެރިންގެ ފަރާތުން ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ފެންނަކަމުގެ ޝަކުވާ ކުރަމުން އަންނަ އިރު މިކަމާއި ގުޅިގެން ރަށުގައި ބަލީގެ ހާލަތު ގޯސްވުމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ. މިކަމާއި ގުޅިގެން ކައުންސިލްގެ ނައިބު ރައީސާ ހަދީޖާ އަހުމަދު ޣަޒާލްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ގައްދޫ ކައުންސިލް ހިންގެވުމާ މިވަގުތު ހަވާލުވެގެން ހުންނެވީ ހަދީޖާއެވެ. އެއީ އެރަށުގެ ކައުންސިލް ރައީސްކަމަށް މިދިޔަ އޭޕްރިލް މަހު އިންތިހާބުވި މުހައްމަދު އަހުމަދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާތަކެއްގައި މިވަގުތު ޖަލު ބަންދެއްގައި ހުރުމުންނެވެ.