ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާއި ގަވާއިދުގެ އޯޑިއޯ ރެކޯޑިންތައް އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް އަދި އެމްވީލޯ ވެބްސައިޓުގައި އާންމުކޮށްފިއެވެ. އެ ގަވާއިދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާފައިވާ ގަވާއިދެކެވެ. މިއީ ރާއްޖޭގައި ގަވާއިދެއްގެ އޯޑިއޯ ރެކޯޑިންއެއް އާންމު ކުރި އެންމެ ފުރަތަމަ ފަހަރެވެ.

އެ ގަވާއިދު އާންމުކޮށްފައިވަނީ އޭޖީ އޮފީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާ ގުޅިގެން ކުރިއަށްގެންދާ ގާނޫނުތަކަށް އަހުލުވެރިކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެ މަސައްކަތަކީ އޭޖީ އޮފީހުން ގާނޫނުތަކާއި ގަވާއިދުތައް ޝާއިއުކުރާ އޮންލައިން ޕްލެޓްފޯމަށް ފަސޭހައިން ވާސިލްވެވޭނެ ގޮތް ހަދައިދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރި މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ ޔޫއެންޑީޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުއެވެ.

އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގާނޫނީ އެކި މަސްދަރުތަކަށް އަހުލުވެރިވުމަށާއި، އެންމެ އެދެވިގެންވާ ގޮތުގައި ގާނޫނީ ދާއިރާއާ ގުޅޭ މައުލޫމާތު ލިބުމަށް ދަތިވެފައިވާކަން ފާހަގަކުރެވިފައިވާ މައްސަލައަށް އެ މަސައްކަތުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް އޭޖީ އޮފީހުން ފާހަގަކުރެއެވެ. އަދި އެ މަސައްކަތުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މެދުގައި ގާނޫނީ އަހުލުވެރިކަން އިތުރުވެގެންދިއުމަށް މަގުފަހިވެގެން ދާނެކަންވެސް އޭޖީ އޮފީހުން ފާހަގަކުރެއެވެ.

ގާނޫނީ ދާއިރާ އިތުރަށް ތަރައްގީކޮށް، ދިވެހިރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި، ގާނޫނުތަކާއި ގަވާއިދުތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރިއަށް އޮތް ތަނުގައި، އިތުރު ގާނޫނުތަކާއި ގަވާއިދުތަކުގެ އޯޑިއޯ ރެކޯޑިންތައްވެސް އޭޖީ އޮފީހުގެ ވެބްސައިޓްގައި އާންމުކުރެވިގެންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.