26 Aug 2021, 17:18
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމި ނިންމުން ތަފްސީލް ކޮށްދޭން އިލެކްޝަންސް ކޮމިޝަންސް (އީސީ)އިން އަންގައިިފިއެވެ.
އީސީގެ މެމްބަރު ފުއާދު ތައުފީގް "ސަން"އަށް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވާދަ ކުރައްވަން މަހުލޫފް ހުށަހެޅުއްވުމުން، އެ ހުށަހެޅުން ބަލައިނުގަންނަން އެމްޑީޕީން ނިންމީ ކޮން ކަންތައްތަކަށް ބެލުމަށްފަހުތޯ އަންގައިދިނުމަށް އެމްޑީޕީގައި އެދިފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލަން ބޭނުން ވަނީ މިކަމުގަ ކޮބައިތޯ އެމްޑީޕީގެ ސްޓޭންޑަކީ. ކޮން ސަބަބަކާ ހުރެތޯ މަހުލޫފްގެ އެޕްލިކޭޝަން އެމްޑީޕީން ބަލައިނުގަންނަން ނިންމީ. އެއަށް ފަހު ކޮމިޝަނުން ދެކޭ ގޮތެއް ކަނޑައަޅާނީ،" ފުއާދު ވިދާޅުވިއެވެ.
މަހުލޫފަށް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ކަނޑައެޅީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އޭނާގެ މައްސަލައެއް ބަލާކަން އެ ޕާޓީއަށް އަންގާފައިވާތީވެއެވެ.
ނަމަވެސް މަހުލޫފު ވިދާޅުވާ ގޮތުގައި އެފަދަ ސަބަބަކާ ހެދި ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް، އެ އިންތިހާބާ ބެހޭ ގޮތުން އެމްޑީޕީން އާންމުކޮށްފައިވާ އިއުލާންގައި ބުނެފައެއް ނުވެއެވެ. އަދި އެއީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައިވެސް ބަޔާންކޮށްފައިވާ ޝަރުތެއް ނޫންކަމަށް މަހުލޫފު ވިދާޅުވެއެވެ.
އޭގެ ފަހުން މަހްލޫފް އެމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ، އެމްޑީޕީގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް އެދި އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށާއި ޗެއާޕާސަން ހަސަން ލަތީފަށް ޝަކުވާ ފޮނުވުމުން އެއްވެސް ޖަވާބެއް ލިބިފައި ނުވާތީއެވެ.
އެ އިންތިހާބުގައި މަހުލޫފް ވާދަ ކުރަން ނިންމަވާފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ.
މަހުލޫފްގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަަމަށް އެ ޕާޓިން މީގެ ކުރިން ނިންމިއެވެ. ނަމަވެސް އެ ނިންމުން މުރާޖައާ ކުރަން އަކްރަމް އެދިވަޑައިގަތުމުން އެ ޕާޓީން ވަނީ އޭނާއަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަލުންދީފައެވެ.