ކޮވިޑް-19ގެ ޕޮޒިޓިވް ކޭސް ތަކެއް ފެނުމާ ގުޅިގެން ހަތަރު ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ޕޮޒިޓިވް ކޭސް ތަކެއް ފެނިގެން މޮނިޓަރިންއަށް މިފަހަރު ލީ ހަތަރު ރަށަކީ ވ. ތިނަދޫ، ށ. ކަނޑިތީމް، މ. ވޭވަށުގެ އިތުރުން ހދ. ނޮޅިވަރަމެވެ.

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސެއިން "ސަން"އަށް ވިދާޅުވީ ރަށުތެރޭގައި ރޯގާއެއް ފެތުރެމުން އަންނާތީ ޝައްކު ކުރެވިގެން ނެގި 22 ސާމްޕަލްގެ ތެރެއިން 11 މީހުން ޕޮޒިޓިވް ކަމަށެވެ.

މިއީ ތިނަދޫ މޮނިޓަރިންއަށް ލީ ތިންވަނަ ފަހަރެވެ.

ޝިފާގް ވިދާޅުވީ ރަށުގެ އާބާދީގެ ތެރެއިން 90 ޕަސެންޓް މީހުން ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ކަނޑިތީމު ކައުންސިލްގެ ރައީސް އަހްމަދު އަހްސަން "ސަން"އަށް ވިދާޅުވީ އެރަށް މޮނިޓަރިންއަށް ލީ ފްލޫކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާގުޅިގެން ކަމަށެވެ.

"މި ރަށް މޮނިޓަރިންނަށް ގެނައީ ރޯގާއެއް އުޅޭތީ ނެގި ފްލޫ ސާމްޕަލް ތަކެއްގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވެގެން. ޕޮޒިޓިވްވީ ގްރޭޑް ތިނެއްގަ ކިޔަވާ ދަރިވަރެއް،" އަހްސަން ވިދާޅުވިއެވެ.

މިއީ ކަނޑިތީމު މޮނިޓަރިންއަށް ލީ ދެވަހަ ފަހަރެވެ.

އަހްސަން ވިދާޅުވީ އެރަށުގެ އާބާދީގެ ތެރެއިން 90 ޕަސެންޓް މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

މ. ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހް ވަހީދު "ސަން"އަށް ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ރަށުތެރޭގައި ރޯގާއެއް ފެތުރޭތީ ނެގި 25 ސާމްޕަލްގެ ތެރެއިން ތިން ސާމްޕަލެއް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.

މިއީ ވޭވަށް މޮނިޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ.

މަމްދޫހް ވިދާޅުވީ އެރަށުގެ އާބާދީގެ ތެރެއިން 97 ޕަސެންޓް މީހުން ވެކްސިންގެ ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

ނޮޅިވަރަމް ކައުންސިލް މެމްބަރު ނިޔާޝާ އަލީ "ސަން"އަށް ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލް ތަކެއްގެ ތެރެއިން ހަތް މީހުން ޕޮޒިޓިވް ވުމާގުޅިގެން ކަމަށެވެ.

މިއީ ނޮޅިވަރަމް މޮނިޓަރިންއަށް ލީ ދެވަނަ ފަހަރެވެ.

ނިޔާޝާ ވިދާޅުވީ އެރަށުގެ އާބާދީގެ ތެރެއިން 95 ޕަސެންޓް މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.