އިނގިރޭސި ޕްރިމިއާ ލީގުގެ ތިންވަނަ މެޗު ވީކުގެ ފުރަތަމަ މެޗުގައި އާސެނަލް އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބޮޑު މޮޅެއް ހޯދައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުން އާސެނަލްގެ މައްޗަށް ސިޓީ ކުރި ހޯދީ 0-5 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ސިޓީން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ވަގުތީ ގޮތުން އެއްވަނައަށް ޖެހިލި އިރު، މެޗުން ބަލިވި އާސެނަލް ކުޅުނު ތިން މެޗުން ވެސް ބަލިވެ އޮތީ ތާވަލުގެ ފުލުގައެވެ.

މިއަދުގެ މެޗު ފަށައިގެން ހަތްވަނަ މިނަޓުގައި ސިޓީއިން ވަނީ އާސެނަލްގެ ގޯލު ފޫ އަޅުވާލައި ލީޑު ނަގައިފައެވެ. މެޗުގައި މޮޅު ކުޅުމެއް ދައްކައި މޭން އޮފް ދަ މެޗު ވެސް ހޯދި އައިކޭ ގުންޑޮވާން އެ ޓީމަށް ކާމިޔާބުކޮށްދިން އެ ގޯލާ އެކު ސިޓީން ނެގި ލީޑު އޭގެ ފަސް މިނަޓު ފަހުން ފުޅާ ކޮށްދިނީ ފެރާން ޓޮރެސްއެވެ.

މެޗުގެ ކުރީކޮޅު އާސެނަލްގެ ކޮޅަށް ވަން ދެ ގޯލާ އެކު އެ ޓީމު އެކީ އެކަށް ޕްރެޝަރަށް ވެއްޓުނު އިރު ފުރަތަމަ ހާފުގެ 35 ވަނަ މިނަޓުގައި އާސެނަލްގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ޓީމުގެ އެންމެ މުހިއްމު ޑިފެންޑަރު ގުރެނިޓް ޒަކާއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.

ޒަކާ ދަނޑުން ފޮނުވާލުމާ އެކު އާސެނަލުން 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ އިރު، ސިޓީން ވަނީ އޭގެ ފައިދާ ފުރިހަމަ ގޮތުގައި ނަގައި އިތުރު ތިން ގޯލު މެޗުގައި ޖަހައިފައެވެ.

އެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ ގެބްރިއަލް ޖީސުސް އަދި ފެރާން ޓޮރެސްގެ އިތުރުން ރޮޑްރީގޯއެވެ.

މި މެޗުން ބަލިވުމާ އެކު އާސެނަލްގެ ކޯޗު މިކެލް އާޓެޓާގެ މަގާމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އިއްތިހާދު ސްޓޭޑިއަމުގައި ތިބި އާސެނަލް ސަޕޯޓަރުން ވެސް މެޗުގެ ތެރޭގައި އާޓެޓާ ދުރުކުރުމަށް ގޮވާލި އިރު، އާސެނަލުގެ ތާރީހުގައި ވެސް ލީގުގައި މިހާދަށްކޮށް ފެށި މިއީ ފުރަތަމަ ފަހަރެވެ.