30 Aug 2021, 11:19
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަަޑައިގެންނެވި ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އޯޑިއޯ އިއްޔެގެ ވަގުތެއްގައި ލީކުވި މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރުން ރައީސް އޮފީހަށް ވަޑައިގެންފިއެވެ.
އިއްޔެގެ ވަގުތެއްގައި ލީކުވެފައިވާ އޯޑިއޯތަކުގައި ޝަރީއަތަށް ނުފޫޒު ފޯރުވައިފައިވާ ކަމުގެ ވާހަކަތައް ހިމެނެއެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވައިފައިވާކަމަށް އޯޑިއޯތަކުން އެނގޭ ކަމަށެވެ.
"ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އޯޑިއޯ ލީކުވީމަ ސަރުކާރުން ފުރަތަމަ ކަމަކަށް އެބަޖެހޭ އެއަށް ޖަވާބުދާރީވާން،" ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް އޮފީހަށް ވަޑައިގެންނެވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ސަބަބު އޮޅުން ފިލުވުމަށާއި އެކަމުގައި ހުރި ނުތަނަވަސްކަން ހާމަ ކުރުމަށްޓަކައި ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިއަދު މަޖިލިސް ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަކަށް. މިއީ އެއަށްވުރެ ބޮޑު ގައުމީ މައްސަލައެއް،" ޝިޔާމް ވިދާޅުވިއެވެ.

ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި އިދިކޮޅު މެންބަރުން ރައީސް އޮފީހަށް ވަަޑައިގެންނެވުން
ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްުޔާ އޮތީ ގާނޫނާ ޚިލާފުވެފައި ކަމަށާއި މި މައްސަލައާ ގުޅިގެން މަޖިލީހުން ރައީސް އަޒުލު ކުރަން ޖެހޭ ކަމަށެވެ. އަދި އެހެން ނޫންނަމަ އެންމެ ރަނގަޅު ގޮތަކީ ރީތިގޮތުގައި އިސްތިއުފާ ދެއްވުން ކަމުގައި އޭނާ ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވެސް އިދިކޮޅު މެންބަރުން ވަނީ އޯޑިއޯތަކާ ގުޅިގެން އަޑުގަދަ ކުރައްވައިފައެވެ. އަދި އެކަމާ ގުޅިގެން މަޖިލިސް ކުރިއަށް ނުގެންދެވި މެދުކަނޑައިލައިފައި ވެސް ވެއެވެ.