އެމެރިކާގެ ސިފައިން ކާބުލް އިން ފައިބައި ނިމުމާ ގުޅިގެން ކާބުލް އެއާޕޯޓު ތާލިބާނުގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

މިއަދުގެ ވަގުތެއްގައި އެމެރިކާގެ އެންމެ ފަހު މިލިޓަރީ ފްލައިޓުވަނީ ކާބުލް އެއާޕޯޓުން ނައްޓާލާފައެވެ.

ތާލިބާން ޖަމާއަތަށް ލިބުނު މި ކާމިޔާބީ ފާހަގަ ކުރަން އެމީހުން ވަނީ ވެހިކަލް ތަކަކުންނާއި ހިނގާފަ ހާމިދް ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ވަށައިގެން ބުރު ޖަހާފައެވެ.

"އަފްގާނިސްތާނު މިހާރު މިނިވަން ވެއްޖެ. ސިފައިންނާއި ރައްޔިތުން ތިބީ ތާލިބާނާ އެއްކޮޅަށް. ވަރަށް އަވަހަށް ކެބިނެޓް އިއުލާން ކުރާނެ،" ތާލިބާނުގެ އޮފިޝަލެއް ކަމަށްވާ ހެކްމަތުﷲ ވާސިގް ބުންޏެވެ.

ތާލިބާނުން އޮގަސްޓު 15އިގައި ކާބުލްގެ ކޮންޓްރޯލް އަތުލާފައިވާ އިރު، އެދުވަހުން ފެށިގެން އަފްގާނިސްތާނުން ފައިބަން މަސައްކަތް ކުރަމުންދާ މީހުން ވަނީ ކާބުލް އެއާޕޯޓުގައި ތޮއްޖެހިފައެވެ.

ވައިޓް ހައުސް އިން ބުނާ ގޮތުގައި އެމެރިކާއިން ވަނީ 120،000އަށް ވުރެ ގިނަ މީހުން އަފްގާނުން ބޭރުކޮށްދީފައެވެ.

އެ މީހުންގެ ތެރޭގައި އަފްގާން މީހުންނާއި އެމެރިކާގެ މީހުންނާއި އެހެން ގައުމުތަކުގެ މީހުންވެސް ހިމެނޭ ކަމަށް ވައިޓް ހައުސްއިން ބުންޏެވެ.

ކާބުލް އެއާޕޯޓަށް ވެސް ވަނީ މި ހަލަބޮލިކަމުގެ ތެރޭގައި ގެއްލުންތަކެއް ވެފައެވެ. އަދި ތާލިބާނުގެ ސްޕޯކްސްމަން ޒަބިއުﷲ މުޖާހިދު ބުނީ އެ ޖަމާއަތުން އެއާޕޯޓު މަރާމާތު ކުރާނެ ކަމަށެވެ.

"އަހަރެމެންގެ ޓެކްނިކަލް ޓީމުން ބަލާނެ އެއާޕޯޓަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުމަށް އެއްވެސް އެހީއެއް ބޭނުންވޭތޯ. އެހީއެއް ބޭނުން ނުވަންޏާ އަމިއްލަޔަށް އެކަން ކުރާނީ، އެހީ ބޭނުން ވަންޏާ ގަތަރު ނުވަތަ ތުރުކީގެ ފަރާތުން އެހީއަށް އެދޭނީ،" ޒަބިއުﷲ މުޖާހިދު ބުންޏެވެ.

އެމެރިކާގެ ސިފައިން އަފްގާނިސްތާނުން ފޭބުމާ ގުޅިގެން ތާލިބާނުން ވަނީ އެއީ 20 އަހަރު ފަހުން އެމީހުންނަށް ލިބުނު ކާމިޔާބީއެއް ކަމަށާއި އަފްގާނިސްތާނު މިހާރު މިނިވަންވެފައިވާ ކަމަށް ބުނެފައެވެ.